އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދަންވާނީ އިސްލާމް ދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އިން އަންގައިފި އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޮނުވި އާންމު ސާކިއުލާއެއްގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އެހެންކަމުން އީދު އެންމެހާ ހަރަކާތްތައް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފު ނުވާނެހެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
މިސާކިއުލާގައި ވަނީ އީދުގެ ކުޅިވަރުތައް ރަވާ ހިންގާއިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ އެއްވަނަ މާއްދާގައިވާ ގޮތަށް އެކަން ކުރުމަށްވެސް ހަނދާންކޮށްދީފަ އެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދައިން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމާއި އަދި އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށްވެސް ހަނދާންކޮށްދީފަ އެވެ.
"ވީމާ ތިޔަ ސިޓީތަކާއި ރަށްރަށުގައި އީދު ފާހަގަކުރުމުގައި އިސްވެ ދެންނެވި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެެދި ދެންނެވީމެ،" ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވާ ނެރުއްވި ސާކިއުލާގައި ބުނެފައިވެ އެވެ.