ހަބަރު

ފުޓްބޯޅަ ކޮމަންޓޭޓަރު ސާއިދުގެ ކިޑްނީ ފެއިލްވެ، އެހީ ހޯދަނީ

ސަން އެފްއޭއެމްގެ ތެރެއިން މީޑިއާ ދާއިރާއަށް ނިކުމެ، ރާއްޖޭގެ މީޑިއާ ދާއިރާގައި އާންމުން ބަލައިގަންނަ ނަމަކަށް ސާއިދު ހެދީ އޭނާ އެކަމަށް ބެއްޓި ޝައުގުވެރި ކަމާއެކު ކުރި ބުރަ މަސައްކަތުންނެވެ. މި ފަހުގެ ތާރީހްގައި ރާއްޖޭގެ ފުޓްބޯޅަ ކޮމަންޓްރީގައި އެންމެ މަޝްހޫރު އެއް ކޮމަންޓޭޓަރު އަލީ ޝިމުރީގެ ޓްރެއިނިންގެ ދަށުން ފުޓްބޯޅަ ކޮމެންޓްރީއަށް ސާއިދު ނެރެދިނީ ސާއިދު އަމިއްލައަށް އެކަމަށް ޝައުގުވެރި ވުމުން ކަމަށް ޝިމުރީ އަޅުގަނޑަށް ކިޔައިދިނެވެ.

"އެއީ އަހަރެން ޓްރެއިނިން ކުރި ކުއްޖެކޭ." ޝީމްރީ ބުނަނީ ފަހްރުވެރި ކަމާއެކު އެވެ. ޝިމްރީއާއެކު ރޭޑިއޯ ކޮމެންޓްރީއަށް ސާއިދު ދާން ފެށިއިރު އޭނާއަކީ ފުޓްބޯޅަ ކޮމެންޓްރީ ދޭން ފެށި އެންމެ ޒުވާން ކޮމަންޓޭޓަރަށް ވާނެ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދޭން ސާއިދު ފެށީ ހިލޭ ސާބަހަށެވެ. ފަހުން ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާ އަށް ބަދަލުވެ، އަޑުގައި މަސައްކަތް ކުރަން ފެށި ނަމަވެސް ފުޓްބޯޅަ ކޮމެންޓްރީއަށް އޭނާ އަގެއް ނުނަގަ އެވެ.

ދިވެހިރާއްޖޭގެ އަޑުން، ޕީއެސްއެމް ކުޅިވަރު ޖާނަލިސްޓްގެ މަގާމަށް ސާއިދު ބަދަލުވެ، ޕީއެސްއެމް ސްޕޯޓްސް ޓީމުގައިވެސް އެންމެ ބުރަކޮށް މަސައްކަތް ކުރާ އެކަކީ ސާއިދެވެ. އޭނާ ބީޓްކޮށް ފަހައްތައް ޖައްސާލެވޭނެ އެހެން މީހަކު ނެތެވެ. ބުރާސްފަތި ދުވަހު ފަށާ ވޯލްޑްކަޕަށް ޕީއެސްއެމްގެ ގެނެސްދޭ ކަވަރޭޖުގައިވެސް އެންމެ ގަދައީ ސާއިދުގެ އަޑެވެ.

ނަމަވެސް މިއަދު ސާއިދު ވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މި ހަފުތާ ގައެވެ.

"މި ހަފުތަގައި ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރު ބުނީ ކިޑްނީގައި ފެއިލުނުވެ ބާކީ އިނީ ވަރަށް ކުޑަކުޑަ ޕަސަންޓެކޭ،" ސާއިދުގެ ގަތް މީހަކު ކިޔައި ދިނެވެ.

އޭނާ ވަނީ މިއަދު އަޅުގަނޑުމެންގެ ދީލަތި އެހީއަށް އެދޭ ހާލުގަ އެވެ. ސާއިދުގެ ކިޑްނީ ބަދަލު ކުރަން އެހީ ހޯދަން، އޭނާގެ އުފަން ރަށް ގދ. ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މަސައްކަތްތަކެއް ފަށަފަ އެވެ. އަދި މީޑިއާ ޓީމަކުންވެސް ދަނީ ސާއިދަށް އެހީ ހޯދަން ކެމްޕޭނެއް ލޯންޗު ކުރުމަށް ތައްޔާރު ވަމުންނެވެ. ސާއިދުއަށް އެހީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސާއިދުއާ ބައްދަލު ވުމުގެ ކުރިން އަޅުގަނޑާ ތިޔަ ބޭފުޅުންވެސް ސާއިދު ދަންނަމުއެވެ. ރޭޑިއޯއިން އޭނާގެ އަޑު އިވިއިވި އެންމެން ތިބެނީ އޭނާ ފަރިތަވެފަ އެވެ. އެންމެންނާވެސް ގުޅޭ މަޖާ މިޒާޖެއްގެ ސާއިދު، އެދެނީ އަޅުގަނޑުމެންގެ ދީލަތި އެހީ އަށެވެ.

ސާއިދު އަށް އެހީ ވުމަށް:

ޔޫއެސް ޑޮލަރު އެކައުންޓް: 7713225362101
ދިވެހި ރުފިޔާ އެކައުންޓް: 7703225362101