ހަބަރު

ހަސީނާގެ ހިނިތުވުން އަނބުރާ ގެންނަން އެހީވެދީ!

Nov 2, 2019
2

އުފާވެރި ހަޔާތެއްގައި ފިރިމީހާ އާއި ލޯބިވާ ކުޑަ ދަރިފުޅާއެކު ދިރިއުޅެމުން ދިޔަ، ހދ. ކުޅުދުއްފުށީ ސޭޑީކޯނާ، ހަސީނާ ހަސަންގެ ހަޔާތް މުޅިން ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ހަސީނާގެ އުފާާވެރިކަމަށް ހިތާމައިގެ ރާޅެއް ބިންދާލީ ހަމަ ކުއްލިއަކަށެވެ. ކެއްސާތީ ހޮސްޕިޓަލަށް ދެއްކުވުން ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ އެވެ.

އަދާޔާ ހިލާފަށް ކެެއްސާތީ، ހަސީނާ އެންމެ ފުރަތަމަ ދެއްކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ލޭގެ ޓެސްޓެއް ހެދުމުން އެނގުނީ ހަސީނާގެ ޕްލެޓެލެޓްސް މާބޮޑަށް މަދުވެފައިވާ ކަމެވެ. އައިސީޔޫގައި ފަރުވާދީ، މާލެއަށް ދިޔުމަށް ލަފާ ދިނުމާއެކު އައިޖީއެމްއެޗަށް ހަސީނާ ގެނަ އެވެ.

އައިޖީއެމްއެޗްއިން ބުނީ ހަސީނާއަށް އެހެން ވަނީ އިޑިއޯޕަތިކް ތްރަމްބޯސައިޓޯޕީނިކް ޕްރޮޕިއުރާގެ ސަބަބުން ކަމަށެވެ. އެ ހޮސްޕިޓަލުން ދޫކޮށްލުމުން ރަށަށް ދިޔައީ އެވެ. ނަމަވެސް ހަސީނާއަކަށް ފަރުވާއެއް ނުލިބެ އެވެ. ހާލަތު ދިޔައީ ގޯސްވަމުންނެވެ. އަނެއްކާވެސް މާލެ އައިސް ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކީ އެވެ. އޭރު ހަސީނާގެ ހާލަތު ވަރަށް ދަށެވެ. ވަގުތުން ޓްރީޓޮޕްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށި އެވެ. އެ ހޮސްޕިޓަލުން ލަފާ ދިނީ އަވަހަށް ބޭރަށް ދިޔުމަށެވެ.

ހަސީނާއަށް ވަނީ އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ އާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ލޭ އުފެއްދުން ހުއްޓުވާލާ، ލޭގެ ކެންސަރުގެ ވައްތަރެކެވެ.

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ހަސީނާއަށް އާސަންދައިން ހުރިހާ ހަރަދެއް ހަމަޖެހުނެވެ. ނަމަވެސް އޭނާގެ ހާލު ހުރި ގޮތުން އެ ހޮސްޕިޓަލަށް ގެންދެވޭ ގޮތް ނުވި އެވެ. ހަސީނާ ގެންދަން ޖެހެނީ އޮކްސިޖަން ގުޅައިގެންނެވެ. އެހެންވެ، އެންމެ ފަސޭހަ ގޮތަކަށްވީ ކިމްސް ހޮސްޕިޓަލަށް ގެންދާށެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ވެސް އާސަންދަ ހަމަޖެހުނެވެ.

އާސަންދައިން ހަމަޖެހިފައިވަނީ ބޭސްފަރުވާގެ ހަރަދު އެކަންޏެވެ. އެ ހޮސްޕިޓަލްގައި ތިބުމާއި ކެއުމުގެ ހަރަދު ހަމަޖައްސަން ޖެހުނީ އަމިއްލައަށެވެ. މިހާރު ހަސީނާ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތާ ދެ މަސް ވެއްޖެ އެވެ. އަދިވެސް ފަރުވާގެ ބޮޑު ބައެއް އޮތީ އެވެ. ތިން މަސް ދުވަހު އެންމެ މަދުވެގެން އެ ހޮސްޕިޓަލްގައި މަޑު ކުރަން ޖެހޭއިރު އެ އާއިލާއަށް މިހާރު ވަނީ އެހީތެރިކަން ބޭނުންވެފަ އެވެ. ފަރުވާ ކޮންމެހެން މުހިންމުއިރު އެ ތަނުގައި ތިބުމުގެ ހަރަދު ހަމަޖެހޭނެ ގޮތެއް އެ އާއިލާއަަށް ކޮންމެހެން ވެސް ބޭނުންވެ އެވެ. އާއިލާ އާދޭސް ކުރަނީ ކުޑަ ނަމަވެސް އެހީއަކަށެވެ.

ހަސީނާގެ ހާލު ކުރިއަށްވުރެ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ އާއިލާއިން ބުނެ އެވެ. ނަމަވެސް އޭނާގެ މޫނުމަތިން އަދިވެސް އެއްވެސް އުޖާލާ ކަމެއް ނުފެނެ އެވެ. ކުރިމަތިވެފައިވާ ބައްޔާއެކު އިންތިހާއަށް ދަނީ ހިތާމަ ކުރަމުންނެވެ. އޭނާގެ ތިން އަހަރުގެ ދަރިފުޅު ވެސް ވަނީ މަންމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެންގެ ކިބައިން އެދިފަ އެވެ.

ހަސީނާއަށް އެހީވުމަށް

ރުފިޔާ އެކައުންޓް ނަމްބަރު: 7706137821101 Ahmed AbdulRaheem
ޑޮލަރު އެކައުންޓް ނަމްބަރު: 7730000122875 Ahmed AbdulRaheem

ފޯނު ނަންވަރު: 7776939
919747205992+