ހަބަރު

ޓީޖެޓީ އަލިފާނުގައި ފިހި، ބޭރަށް ގެންދިޔަ މީހާ އެހީއަށް އެދެނީ

Oct 16, 2019
7

ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އަނިޔާވި އާދަމް އިނާޒަށް އިތުރު ފަރުވާ ބޭނުންވާތީ އެހީ ހޯދަން އާއިލާއިން މަސައްކަތް ފަށައިފި އެވެ.

މިދިޔަ މަހުގެ 30 ގައި މާލެ ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކު ފިހި އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. އެ ހާދިސާގައި ފިހުނު އއ. މަތިވެރި އާދަމް އިނާޒް 29، މިހާރު ވަނީ އިންޑިއާއަށް ގެންގޮސް ކިމްސް ހޮސްޕިޓަލުގައި ފަރުވާ ހޯދާން ފަށާފަ އެވެ.

އޭނާގެ ހަށިގަނޑުގެ 41 ޕަސެންޓާއި 45 ޕަސެންޓު ފިހިފައިވާއިރު އެއީ "ސެކަންޑް ޑިގްރީ ބާން" އެއް ކަމަށް ކިމްސް ހޮސްޕިޓަލުގެ ލިޔުންތަކުގައި ޑޮކްޓަރުން ލިޔުއްވާފައި ވެއެވެ.

އާއިލާގެ ފަރާތުން އޭނާގެ ބޭބެ އަލީ އިނާޒް މިއަދު ބުނީ އޭނާގެ ކޮއްކޮގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާއިރު ތެދުވެ އުޅެ، ވާހަކަ ދައްކާ ހަދަން ވެސް ވަރަށް ދަތިވެފައިވާ ކަމަށާއި ކަންފަތް ފިހި ބޮޑު ބައެއް ގިރިފައިވުމާއެކު ކުރީގެ ހާލަތަށް ދާން ދުވަސްތަކެއް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި ޖެހެނީ ކަންފަތުގެ ބޮޑު ބަޔެއްގައި އަލުން ހަން ތަތް ކުރާށެވެ.

"ގައިގެ އެކި ތަންތަނުން ހަން ގޮސް ވަރަށް ބޮޑަށް ފިހިފައި ހުރީ. އެންމެ ބޮޑަށް ފިހިފައި ވަނީ ކަންފަތާއި އަތް. މިހާރު ޑޮކްޓަރުން ވިދާޅުވެފައި އޮތީ ކަންފަތަށް ފަރުވާ ދެވެން އޮތީ ސްކިން ގްރާފްޓް [ހަން ތަތްކޮށްގެން] ކޮށްގެން ކަމަށް. ކަންފަތަށް ބޭނުންވާ ހަން ގައިގެ އެހެން ތަނަކުން ނަގައިގެން އެތާ ތަތް ކުރަން ޖެހޭނީ ދެން. ވަރަށް ސެންސިޓިވް ތަނެއް ވީމަ ފުދޭވަރަކަށް އުނދަގޫވެސް ވާނެ. އަދި ޔަގީނެއް ނޫން އިތުރަށް ހަށިގަނޑުގެ ކޮން ތަންތަނެއްގައި ކަމެއް އެހެން ހަން ބަދަލު ކުރަން ޖެހޭނީ"

އާއިލާ އިން އިތުރަށް ބުނީ، އަތްތިލައިން ގިރިފައިވާ ހިސާބުގައި ވެސް ހަން ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެކަން ޔަގީންވާނީ އަދި ދެ ހަފުތާ ފަހުން ކަަމަށެވެ.

އާދަމް އަކީ އެ ހާދިސާ ހިނގި އޮތް ލޯންޗުގައި ފަޅުވެރިއަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާގެ ދެ ކުދީން ތިބެ އެވެ. އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާއިރު ފަރުވާ ކުރަން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި ސީދާ ހަރަދުވާނެ ވަރެއް އަދި ނޭނގޭ ކަމަށް އާއިލާ އިން ބުނެ އެވެ. އެއާއިލާއިން ވަނީ އާދަމްގެ ފަރުވާ އަށް އެހީތެރިވެ ދިނުމަށެވެ.

އެހީވުމަށް:
އެކައުންޓް ނަންބަރު: 7703497074101
ފޯނު ނަންބަރު: 7618878 (ވައިބާ / ވަޓްސްއެޕް)