ހ. ތިލަފުށީގޭގެ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ޓީ ޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާއާ ޓެރަރިޒަމްގެ އަމަލަކާ ގުޅުން ހުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ދެ ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި ތަހުގީގަށް އެއިން އެއްވެސް ހާދިސާއެއް ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ނުބެލެވޭ ކަމަށެވެ.
ހ. ތިލަފުށީގޭގެ ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވަނީ އެއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ވިދާޅުވެ ފޭސްބުކްގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
އެ ކަމަށް އިޝާރާތް ކުރައްވަމުން ހަމީދު ވިދާޅުވީ އެ މެންބަރު ކުރެއްވި ޕޯސްޓާ ގުޅިގެން އޭނާއާ ފުލުހުން ސުވާލު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން މެންބަރު މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އޮވެގެން ދެއްކި ވާހަކައެއް ނޫން ކަމަށާއި އޭނާއަށް ހީވި ކަމެއްގެ މައްޗަށް ދެއްކެވި ވާހަކައެއް ކަމަށެވެ.
"އެ ގޮތުން އެ މެންބަރު ވެސް ފާހަގަ ކުރެއްވީ އެއީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އޮވެގެން އޮވެގެން ދެއްކި ވާހަކައެއް ނޫން ކަމަށް. އެއީ އޭނާއަށް ހީވި އެއްޗެއްގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށް." ހަމީދު ވިދާޅުވި އެވެ.
ކެމިކަލް ގުދަނުގައި ރޯވެގެން ހިނގި ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުން މިހާތަނަށް ހޯދި ހޯދުންތަކާއި އަދި ބެލި ވީޑިއޯ ފުޓޭޖްތަކުން ވެސް އެއީ ބައެއްގެ އިހުމާލުން ނޫނީ ގަސްދުގައި ކުރި ކަމެއް ކަން ނުބެލެވޭ ކަމަށެވެ.
"މިހާތަނަށް ލިބުނު މައުލޫމާތުތަކާއި ފުޓޭޖްތަކުން ފެންނަ ގޮތުގައި ފުރަތަމަ އަލިފާން ހިފާއިފަނިީ ތިލަފުށީގޭގެ ކެމިކަލްގައި. އެއީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކެމިކަލް. އަދި އެ ގުދަނަށް ވެސް ހުއްދަ ދީފައި ވަނީ." ބަޝީރު ވިދާޅުވި އެވެ.
ތިލަފުށީގޭގެ އަލިފާނު ހާދިސާ ގުޅިގެން ފުލުހުން ވަނީ 21 އިމާރާތެއްގެ 118 އެޕާޓްމަންްޓެއް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި އިމާރާތްތަކުގައި ދިރިއުޅޭ 20 މީހަކާއި އެ ހާދިސާ ހިނގި މަންޒަރު ދުށް 23 މީހަކާ މުއާމަލާތްކޮށް މައުލޫމާތު ސާފުކޮށްފައި ވެއެވެ.
އެ ހާދިސާ ހިނގާދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން 27 ވީޑިއޯ ފުޓޭޖެއް ނަގައި އޭގެ ތެރެއިން 25 ފުޓޭޖެއް ވަނީ އެނަލައިޒްކޮށްފަ އެވެ.
ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހަދިސާގެ މަންޒަރު ދުށް ބައެއް ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އެ ލޯންޗު ތެރޭގައި ތިބި މީހުން ވަނީ ދުންފަތުގެ އިސްތިއުމާލު ކޮށްފަ އެވެ. ނަމަވެސް ލޯންޗުގައި ތިބި މީހުންނާއި އަދި ސުވާލު ނުކުރާ ކަމަށާއި އަދި އެ ހާދިސާގައި އަލިފާން ރޯވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.