ކެމިކަލް ގުދަނުގައި ރޯވުން

ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ބަލާނެ ހެއްކެއް ނުލިބޭ!

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ހެންވޭރުގެ ބޮޑު ސަރަހައްދެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަން ސާބިތުވާނެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ކަޅުހުރާގޭ ސަރަހައްދުގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ މައްސަލައިގެ ތަހުގީގު ބައެއް ކަންކަން ހާމަކޮށްފަ އެވެ.

އެގޮތުން އެ އަލިފާން ރޯވީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތުހުމަތ ކުރައްވާފައި ވާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުގައި ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައި ވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ބެލެވޭ ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުންނެއް ސީދާ ޓެރަރިޒަމާ ގުޅޭ ނުވަތަ އެގޮތަށް ބެލެވޭ އެެއްވެސް ކަމެއް ފާހަގަ ވެފައެެއް ނެތް. ނަމަވެސް އަޅުގަނޑުމެންގެ ތަހުގީގު ކުރިޔަށް މިގެންދަނީ ހުރިހާ ޕޮޒިބިލިޓީސްތަކަށް ބަލައިގެން. ހުރިހާ އޭންގަލަކުން ބަލައިގެން. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން. ހާދިސާ ހިނގައިގެން ދިޔައީ އެކްސިޑެންޓަކުންތޯ ނޫނީ ގަސްތުގައި ބަޔަކު ރޯކޮށްލައިގެންތޯ މިހުރިހާ އޭންގަލަކުން އަޅުގަނޑުމެން ބަލާނަން" ޝިފާއު ވިދާޅުވި އެވެ.

އެ ހާދިސާގެ ތަހުގީގު މިހާރު ވެސް ހިނގާކަން ފާހަގަ ކުރައްވާ ޝިފާއު ވިދާޅުވީ، އަދިވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށްޓަކައި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ވީޑިއޯ އާއި، ފޮޓޯ ފަދަ ތަކެތި ތަހުލީލި ކުރަން ފަށާފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމާއެކު، ފޮރެންސިކުން މަސައްކަތް ފެށި ކަމަށާއި، ބައެއް މަސައްކަތް ފަށާފައިވަނީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އެންމެ ގަދަޔަށް އަލިފާން ރޯވި ހިސާބުތަކުގައި މަސައްކަތް އެއްދުވަސް ފަހުން ފެށުނީ އެ ސަބަބާހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވީ، އަލިފާނުގެ އެ ހާދިސާގެ ތަހުގީގު ވަރަށް ބާރަށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށާއި، ފަހަރަކު ސައިޓެއް، އަދި އަނދައިގެން ދިޔަ ކޮންމެ އެޕާޓްމަންޓަކަށް ފޮރެންސިކް ފުލުހުން ވަދެ ތަހުލީލު ކުރާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 21 ސައިކަލާއި، 1 ޕިކަޕް އެ ސަރަހައްދުން ނަގާފައިވާ ކަމަށާއި އެ ވެހިކަލް ތަކުގެ ވެރިފަރާތް ހޯދާ، އިންޝުއަރެންސް ކޮށްފައިވާ ފަރާތްތަކުން ބޭނުންވާ ޕޮލިސް ރިޕޯޓް ހެދުމުގެ މަސައްކަތާއި، ގުދަންތަކުގައި ހުރި ސާމާނާއި، ގުދަންތަކުގައިރައްކާ ކުރުމުގެ ހުއްދަ ދީފައިވަނީ ކޮންކޮން އެއްޗިއްސަކަށްތޯ ވެސް ބަލަމުންދާ ކަމަށެވެ.