ހަބަރު

ބޮޑު އަލިފާނުގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައި ދިޔަ ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ގެތައް ހިމެނޭ ސަރަހައްދުގައި ފުލުހުން މިއަދު ނޫސްވެރިންނާ ބައްދަލު ކުރި އިރު ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ އެ ހާދިސާއަކީ ވަރަށް ބޮޑު ތަހުގީގެއް ހިންގަންޖެހޭ ހާދިސާއެއް ކަމަށާއި، ފުލުހުން އެ ހާދިސާގެ ތަހުގީގު މިހާރު ކުރާ އިރު ބޭރުގެ އެހީ ހޯދަން މަޝްވަރާތައް ޕޮލިސީ ލެވެލްގައި ކުރާ ކަމަށެވެ./

"މި ހާދިސާއަކީ، މިފަހަކަށް އައިސް ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ހާދިސާ. ހަމަ އެޔާއެކީގައި ދައުލަތަށް ވެސް މި ވޭތުވެދިޔަ ތަނުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހާދިސާ. އެހެންވީމައާ އެއްކޮށް، މިވަރުގެ ތަހުގީގެއް ކުރިޔަށް ދާއިރު، އެކަމަށް [ބޭރުގެ އެހީ ހޯދަން][ މިހާރު މަޝްވަރާތައް ކުރެވެމުން އެބަދޭ،" ޝިފާއު ވިދާޅުވި އެވެ.

ފުލުހުން ވަނީ އެ ހާދިސާއަކީ ރޭވިގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާއެއް ކަމުގައި ބަލާނެ ހެކި އަދި ލިބިފައިނުވާ ކަމަށާއި، އެ ހާދިސާ އިތުރަށް ތަހުގީގުކޮށް، އެކަން މެދުވެރިވާން ޖެހުނު ސަބަބު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ފުލުހުންނަށް އެ ހާދިސާގެ ތަހުގީގުގައި ބޭނުން ކުރެވިދާނެ ފަދަ ވީޑިއޯއެއް އަދި ފޮޓޯއެއް އޮތް ނަމަ ވެސް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހެންވޭރު، އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ސަރައްދުގައި ހުރި ހަތަރު ކެމިކަލް ގުދަނެއް އެ އަލިފާނުގައި ވަނީ އަނދާފަ އެވެ. އެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި މިހާރުވެސް 290 އެއްހާ މީހުން އެބަތިއްބެވެ.