ހަބަރު

ޝައުނާގެ ފޯނު ބެލުމުގެ އަމުރެއް ނުދެވޭނެ: ހައިކޯޓު

މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި އާއިޝަތު ޝައުނާގެ ފޯނު ކޯލްތަކާއި މެސެޖްތައް ބެލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވެސް ނިންމައިފި އެވެ.

މިދިޔަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް އިމާރާތަކަށް ގެއްލުންތައްވި އެވެ. ތ. ބުރުނީ ފެންފިޔާޒުގޭ ޝައުނާ ދިރިއުޅޭ ގޭގައި ވެސް އަލިފާން ރޯވިއިރު އޭނާ ފެނުނު އޮތީ ވަރަށް ބޮޑަށް އަނދާފަ އެވެ. ފެނުނު އިރު ވެސް ފުރާނައެއް ނެތެވެ.

އޭނާގެ މަރުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް ޝައުނާގެ ފޯނު ބެލުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި ފުލުހުން އެދުނެވެ. ނަމަވެސް ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އެ އަމުރު ކުރިމިނަލް ކޯޓުން ނެރެނުދިނެވެ. އެއީ ކުށުގެ ތުހުމަތެއް ނެތީސް އެފަދަ ޒާތީ މައުލޫމާތުތަކެއް ދިނުމަށް އަމުރު ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެހެންވެ ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން މިއަދު އިއްވާފައިވާ ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސަވައިލެންސް ކުރުން ނޫން ގޮތަކަށް މީހެއްގެ ޒާތީ މުއާސަލާތްތަތައް ބެލުމުގެ އަމުރުތައް ދެވޭނީ ކުށެއްގެ ތުހުމަތު ކުރެވޭ ހާލަތުގައި އެކަނި ކަމަށެވެ.

މި މައްސަލާގައި ފޯނު ބެލުމުގެ އަމުރަކަށް އެދުނު ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނެފައިވަނީ ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދިރިހުރުމުގެ ހައްގާ ގުޅުން ހުރި ކަމަކަށްވާތީ ކަމަށެވެ. މައްސަލާގައި އެކަމަށް ރިއާޔަތްކޮށް އެފަދަ އަމުރެއް ނެރެވިދާނެ ކަމަށެވެ. ނަމަވެސް ތުހުމަތު ނުކުރެވެނީސް އެފަދަ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ވެސް އެއްބަސްވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނީ ފޯނަކީ ޒާތީ މުއާސަލާތަކަށްވާއިރު ޒާތީ މުއާސަލާތްތަކަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށް ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ބަޔާން ކުރާ ކަމަށެވެ. ގާނޫނު އަސާސީގައި ލިޔެފައިވާ އަސާސީ ހައްގެއް ހަނި ކުރެވޭނެ ހަމައެކަނި ގޮތަކީ ގާނޫނަކުން ކަމާއި ގާނޫނަކުން އެފަދަ ބާރެއް ނުދެނީސް ކޯޓުތަކަށް އަމިއްލައަށް ހައްގު ހަނިކޮށް އެފަދަ އަމުރެއް ނެރެވޭނެ ގޮތެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

މި ހުކުމް އިއްވާފައިވަނީ ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ޝައުނާ މަރުވުމުގެ ކުރިން އެހީވެ ދިނުމަށް ބައެއް މީހުންނަށް ފޯނު ކުރި ކަމަށްވެ އެވެ. ނަމަވެސް ބޯ އަލިފާނުގެ ސަބަބުން އޭނާއަށް އެހީ ފޯރުކޮށްދެވޭ ގޮތްވީ ވަރަށް ލަސްވި ފަހުންނެވެ. އޭނާގެ މަރަކީ މުޅި ގައުމު ފުން ހިތާމައަކަށް ގަންބާލި މަރެކެވެ.

ޝައުނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އަލިފާނުގެ ހާދިސާ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި ދެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.