ހަބަރު

ރޭގެ ހާދިސާގައި ގެއްލުންވި އުޅަނދުތައް ނަގަނީ ތަހުގީގަށް: ފުލުހުން

ރޭ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދާފައިވާ އުޅަނދުތަކާއި، ގެއްލުންވެފައިވާ އުޅަނދުތައް ނަގަމުންދަނީ ތަހުގީގަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެނދި އަދި ގެއްލުންވެފައި ހުރި އުޅަނދުތައް ތަހުގީގު ބޭނުމަށް ނަގަމުންދާ ކަމަށެވެ. އަދި އެ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ އެ އުޅަނދުތައް ދެނެގަނެ، އެ އުޅަނދުތަކުގެ ވެރިފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ރޭ ކެމިކަލް ގުދަންތަކެއްގައި ރޯވެގެން ހިނގި ހާދިސާގައި އެސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ވަނީ އަނދާފަ އެވެ. އަދި ބައެއް އުޅަނދުތަކަށް އަލިފާނުގެ އަސަރު ކޮށް، ގެއްލުން ލިބިފައިވާއިރު، އެ ސަރަހައްދުން ބައެއް އުޅަނދުތައް ދުރަށް ޖެއްސުމުގައިވެސް ބައެއް ވެހިކަލްތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.

ފުލުހުން ކުރި ޓުވީޓް

މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހަތް އިމާރާތަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. މި ހާދިސާގައި އޭގެ ތެރެއިން އެއް އިމާރާތުގައި ދިރިއުޅުމެންދިޔަ އަންހެނަކު ވަނީ މަރުވެފަ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ އަނދާ ހުލިވެފައިވާ އިމާރާތުގެ ތެރެއިންނެވެ. ފުލުހުންނާއި ސިފައިން މިހާރު ދަނީ އެ ސަރަހައްދު ސާފުކޮށް، ކެމިކަލްގެ އަސަރު ހުރިތޯ ބަލަމުން ނެވެ.