ވޯލްޑް ކަޕް 2018

ރާއްޖެއިން ތާއީދު ކުރީ އުތުރު އެމެރިކާގައި ވޯލްޑް ކަޕް ބާއްވަން

Jun 13, 2018
4

ދުނިޔޭގެ ފުޓްބޯޅައިގެ އީދު، ވޯލްޑްކަޕް 2026 ގައި ބާއްވާނެ ގައުމެއް ކަނޑައެޅުމަށް މިއަދު ރަޝިޔާގައި ބޭއްވީ ފީފާ ކޮންގްރެސްގައި ނެގި ވޯޓްގައި، އުތުރު އެމެރިކާގެ ބައްރުގެ ތިން ގައުމު ކަމަށްވާ އެމެރިކާ އާއި ކެނާޑާ އަދި މެކްސިކޯގައި އެ މުބާރާތް ބޭއްވުމަށް ހުށަހެޅި ބިޑަށް ރާއްޖޭގެ އެފްއޭއިން ތާއީދުކޮށް ވޯޓްލައިފި އެވެ.

ޖުމްލަ 134 ގައުމުގެ ވޯޓް ލިބިގެން 2026 ގައި ވޯލްޑް ކަޕް ބާއްވާނެ ތަނެއްގެ ޝަރަފު ހޯދީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ހުށަހަޅާފައިވާ "ޔުނައިޓެޑް 2026" ގެ ބިޑެވެ. މިއީ ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ހޮވުމަށް މެންބަރު ގައުމުތަކުގެ މެދުގައި ވޯޓެއްލައިގެން ގޮތް ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ވޯލްޑް ކަޕް ބާއްވާނެ ގައުމެއް ކަނޑައަޅަނީ ހުށަހަޅާ ބިޑްތައް އިވެލުއޭޓްކުރަން ފީފާގެ އެކްސްކޯ ހިމެނޭ ގޮތުން އެކުލަވާލާ ކޮމިޓީއަކުން އެވެ. އެހެން ނަމަވެސް އެކަމުގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ މެންބަރު ގައުމުތަކުގެ މެދުގައި ހުޅުވާލެވިފައިވާ ވޯޓެއް ނަގަން ފީފާއިން ނިންމީ އެވެ.

އުތުރު އެމެރިކާ ބިޑްގެ އިތުރަށް ދެން ވޯލްޑް ކަޕަށް ބިޑް ހުށަހެޅީ މޮރޮކޯ އެވެ. އެހެން ނަމަވެސް މޮރޮކޯއަށް ލިބުނީ 65 ވޯޓެވެ. އެއްވެސް ބިޑަކަށް ވޯޓްނުލައި ވޯޓްގައި ބައިވެރިނުވެ ތިބި ގައުމުތަކުގެ ތެރޭގައި ކިއުބާ އާއި ސްލޮވޭނިއާ އަދި ސްޕޭން ހިމެނެ އެވެ. އަދި އެއްވެސް ބިޑަކަށް ވޯޓްދޭން ބޭނުން ނުވާ ކަމަށް އީރާނުން ވޯޓްލި އެވެ.

ރާއްޖޭގެ ފަރާތުން އެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގެން ވޯޓް ދެއްވީ، ދިވެހި ފުޓްބޯޅާ ފެޑެރޭޝަން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ފީފާއިން އާންމުކޮށްފައިވާ ވޯޓް ދިން ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގިނަ ގައުމުތައް ވެސް ތާއީދުކޮށްފައި ވަނީ އުތުރު އެމެރިކާ ބައްރުގައި ވޯލްޑްކަޕް ބޭއްވުމަށެވެ.

މެކްސިކޯގައި ވަނީ މީގެ ކުރިން ދެ ފަހަރަށް ވޯލްޑްކަޕު ބާއްވަފަ އެވެ. އެއީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރު އެވެ. އެމެރިކާގައި ވަނީ އެއްފަހަރު ވޯލްޑްކަޕު ބާއްވާފަ އެވެ. އެއީ 1994ވަނަ އަހަރު އެވެ.

މިއި އެއް ގައުމަށް ވުރެ ގިނަ ގައުމެއްގައި ވޯލްޑްކަޕު ބާއްވަން ފީފާއިން ނިންމި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޖަޕާނާއި ދެކުނު ކޮރެއާގައި ވަނީ ވޯލްޑްކަޕު ބާއްވާފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. ފީފާ ވޯލްޑްކަޕު 2026 ގައި 48 ޓީމު ވާދަ ކުރާނެ އެވެ.