ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޚާން ކަމަށްވާ ސަލްމާން ޚާން، މިފަހަރު އެންމެނަށް ޢީދު ތަހުނިޔާ ފޮނުވީ މުޅިން ތަފާތުކޮށެވެ. މިއަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒްކުރާ ބޮލީވުޑްގެ ނުފޫޒުގަދަ އަނެއް ޚާން، ޝާރުކް ޚާންގެ ފިލްމު "ޒީރޯ" ޓީޒާ ޓްރެއިލާ މެދުވެރިކޮށް ސަލްމާން ވަނީ އެންމެނަށް ޢީދު މުބާރިކް ފޮނުވާފަ އެވެ.
މި ޓީޒާގައި ސަލްމާން ފެނިގެންދިއުމުން ގިނަ ބަޔަކަށް ހައިރާންކަންވެސް ގެނުވި އެވެ. ބޮލީވުޑްގެ އެންމެ ވާދަވެރި ދެ ޚާނުން އެކުގައި ފެނިގެންދިއުމުންނެވެ. ސަލްމާންގެ ފިލްމު "ރޭސް 3" މިއަދު ޕްރިމިއާކުރާނެ އެވެ. މި ފިލްމަކީ ކޮންމެ އަހަރަކު ފިތުރު ޢީދުގައި ސަލްމާން އޭނާގެ ފޭނުންނަށް ގެނެސްދޭ ފިލްމުތަމުގެ ތެރެއިން މިއަހަރު ގެނެސްދިން ފިލްމެވެ.
"ޒީރޯ" ގެ ޓީޒާގެ އިތުރުން ސަލްމާން ވަނީ މި ޢީދާއި ދިމާކޮށް ފޭނުންނަށް ގިނަ ހަދިޔާތަކެއް ދޫކޮށްލާފަ އެވެ. ބޮލީވުޑްގެ ޑިއޯލް އާއިލާގެ މެމްބަރުން ފެނިގެންދާ ފިލްމު "ޔަމްލާ ޕަގްލާ ދީވާ" ގެ ތިން ވަނަ ފިލްމު ފުރަތަމަ ޓީޒާ ޓްރެއިލާއިންވެސް އޭނާ ފެނިގެންދެ އެވެ. މި ޓީޒާ ޓްރެއިލާވެސް އާންމުކުރީ މިއަދު އެވެ.
ސަލްމާން ދިން އަނެއް ބޮޑު ހަދިޔާއަކީ އޭނާގެ ޅިޔަނު އަޔުޝް ޝަރްމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ލަވްރާތްރީ" ގެ ޓީޒާ ޓްރެއިލާ ދޫކޮށްލުމެވެ. ސަލްމާން ޕްރޮޑިއުސްކުރާ މި ފިލްމަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން "ސަލްމާން ޚާން ފިލްމްސް" ގެ ކުޑައިގެ ދަށުން ނެރޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރަނީ އަންނަ އޮކްޓޯބަރު 21 ގަ އެވެ.
"ޒީރޯ"، "ޔަމްލާ ޕަގްލާ ދީވާނާ ފިރްސޭ" އަދި "ލަވްރާތްރީ" އާއެކު މި ކުޑަ ޢީދުގައި ސަލްމާން އޭނާގެ ހުރިހާ ފޭނުންނަށް މި ދިނީ ބޮޑު ހަދިޔާއެކެވެ. މި ތިން ފިލްމުގައިވެސް ހާއްސަ ފެނިލުމަކުން ސަލްމާން ފެނިގެންދާނެކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެ އެވެ. "ރޭސް 3" ކަށްފަހު ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބާރަތު" ންނެވެ.