ވޯލްޑް ކަޕް 2018

"ގޭމް އޮފް ތްރޯންސް" ފޭނުންނަށް ވޯލްޑް ކަޕްގެ އޯޕެނިން މަޖާވެއްޖެ

"ގޭމް އޮފް ތްރޯންސް" ގެ ފޭނަކު ވޯލްޑް ކަޕް އޯޕެނިންގެ އޯޑިއޯ ބަދަލުކޮށް ހެދި ވީޑިއޯ.

މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2018 ގެ ފޯރި ވަރަށްވެސް ގަދަ އެވެ. ވޯލްޑް ކަޕާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. މެޗުތައް ބެލުމާއި މެޗުތަކަށް ފާޑުކިޔުންވެސް ވަރަށް ފޯރީގައި ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

މި ފޯރި ގަނޑުގެ ތެރޭގައި ސޯޝަލް މީޑިއާގައިވެސް އަންނަނީ ވޯލްޑް ކަޕާއި ގުޅުވައިގެން ތަފާތު ވީޑިއޯއާއި މީމްސް ހެދުމާއި އަދި އެކި ކަހަލަ މަޖާ ވާހަކަތައްވެސް ދެކެވެމުންނެވެ.

މިގޮތުން ސޯޝަލް މީޑިއާގައި މިހާރު އެންމެ ގަދައަށް ދައުރުވާ އެއް ވީޑިއޯއަކަށް ބަލާލަމާ ހެއްޔެވެ؟ މި ވީޑިއޯއަކީ މިފަހަރުގެ ވޯލްޑް ކަޕްގެ އޯޕެނިން ތީމް ނުވަތަ ފުޓުބޯޅައިގެ މި ޢީދު ރަސްމީކޮށް ފެށުމަށް ބޭނުންކުރި ތީމް އެވެ. އެނިމޭޓެޑް މި ތީމް ވީޑިއޯގައި ފެނިގެންދަނީ މިއަަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާ ރަޝިއާގެ ސްޓޭޑިއަމްތަކާއި މި މުބާރާތައް އެގައުމުން ވެފައިވާ އެކި ތައްޔާރީތަކެވެ.

ފީފާ ވޯލްޑް ކަޕް ރަޝިއާ 2018 ގެ އޯޕެނިން.

މީހުން މިހާރު އަންނަނީ މި ވީޑިއޯއާއި އެއްގޮތްކަން ހުރި އެހެން ވީޑިއޯއަކާއި މީތި އަޅާ ކިޔަމުންނެވެ. މި އޯޕެނިން ތީމް ވީޑިއޯ އެންމެ ވައްތަރުވަނީ އެޗްބީއޯ އިން ގެނެސްދޭ މަޝްހޫރު އެމެރިކަން ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސްް" ގެ އޯޕެނިން ތީމާއި އެވެ.

"ގޭމް އޮފް ތްރޯންސް" ގެ އޯޕެނިން.

މި ސީރީޒްގެ ފޭނަކު މިހާރު ވަނީ ވޯލްޑް ކަޕް އޯޕެނިންގެ އޯޑިއޯކޮޅު ގޭމް އޮފް ތްރޯންސްގެ އޯޕެނިންގެ އޯޑިއޯކޮޅަށް ބަދަލުކޮށްލާފަ އެވެ. އެންމެ މަތީގައި ޝައިއުކޮށްފައި އެއިނީ އެ ވީޑިއޯ އެވެ. މިހާރު އެންމެ ގަދަށް ހިނގަނީ މި ވީޑިއޯ އެވެ. އެ ސީރީޒްގެ ފޭނުންނަށް މިކަންވީ މާ މަޖާ ކަމަކަށެވެ.