މިއުޒިކް

ބިޔޯންސޭ އާއި ޖޭޒީގެ ސަޕްރައިޒް އަލްބަމެއް

ބިޔޯންސޭ އާއި ޖޭޒްގެ އާ ލަވަ.

ހިޕް ހޮފް ލަވައިގެ ރަސްގެފާނާއި ރާނީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީއަކީ ފޭނުންނަށް ލަވަތައް ސަޕްޒައިޒްއެއްގެ ގޮތުގައި ދިނުމުގެ ސަގަފާތައެއް ގެންގުޅޭ ދެމަފިރިންނެވެ. މި ފަހަރު މި ދެ ތަރިން މި ވަނީ ދުރާލާ ފޭނުންނަށް އެއްވެސް އިޝާރާތެއް ނުދީ އަލްބަމެއް ދޫކޮށްލާފަ އެވެ.

އާ އަލްބަމެއް ދޫކޮށްލުމުން ފޭނުން ސަޕްރައިޒްވުމުގެ އިތުރަށް އެންމެ ބޮޑު ހައިރާން ކަމެއް ގެނުވީ މި ދެ ތަރިން އެކުގައި ލަވަތައް ކިޔާފައިވާ ޖޮއިންޓް އަލްބަމެއް ގެނެސްދިނުމުންނެވެ. މިއީ މި ދެމަފިރިންގެ ޖޮއިންޓް އަލްބަމެއް ގެނެސްދިން ފުރަތަމަ ފަހަރުވެސްމެ އެވެ.

މި އަލްބަމް ރިލީޒްކުރީ މި ދެމަފިރިންގެ ޓުއާ، "އޮން ދި ރަން ޓޫ" ގެ ދަށުން އިއްޔެ ލަންޑަންގައި ބޭއްވި ލައިވް ކޮންސާޓުގެ ތެރެއިންނެވެ. ނުވަ ލަވަ ހިމެނޭ މި އަލްބަމްގެ ނަމަކީ "އެވްރީތިން އިޒް ލަވް" އެވެ. މި ލަވަތައް މިހާރު ޖޭޒީގެ އަމިއްލަ މިއުޒިކް ސްޓްރީމިން ވެބްސައިޓް، ޓައިޑަލް މިއުޒިކްއިން އަޑު އަހާލެވޭނެ އެވެ.

މި އަލްބަމްގެ ލަވަތަކުގައި ބިޔޯންސޭ ވަނީ މީގެ ކުރިން އެއްވެސް ލަވައެއްގައި ރެޕްނުކުރާ ވަރަށް ރެޕްކޮށްފަ އެވެ. މި ލަވަތަކުގައި އެ ދެމީހުންގެ ދިރިއުޅުމާ ގުޅޭ ގިނަ ވާހަކަތަކެއް ގެނެސްދީފައިވެ އެވެ. އަލްބަމާއެކު ވަނީ އެއް ވީޑިއޯ ލަވައަކާއި ބޯނަސް އިތުރު ލަވައެއްވެސް ނެރެފަ އެވެ.

ޕެރިސްގެ ދާރުލްއާސާރެއްގައި ޝޫޓުކޮށްފައިވާ ވީޑިއޯ ލަވަ ޑައިރެކްޓުކުރީ ރިކީ ސައިޒް އެވެ. އެ ދާރުލްއާސާރަކީ މަޝްހޫރު މޮނަލީޒާ ކުރެހުން ހުންނަ ދާރުލްއާސާރެވެ. މި ލަވާގައި ވެސް އެ ކުރެހުން ދައްކާލަ އެވެ.