ރިޕޯޓް

މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެފައި!

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގައި ދިޔަ ގޮތުގެ ވީޑިއޯ ރިޕޯޓް -- އައިޝަތު ޝިއުރާ | އަވަސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިމި ދެވަނަ ދައުރުގެ ޖަލްސާތައް ފެށެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލްކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށެވެ. އެކަމަކު ސަލާމަތީ މައްސަލަތަކާހެދި އެ ޖަލްސާ ލަސް ކުރީ އެވެ. ނަމަވެސް އޭގެ ކުރިން ދައުރުން ބޭރުގައި ޚާއްސަ ދެ ޖަލްސާއެއް ބޭއްވި އެވެ. އެއީ ފެބްރުއަރީ 19 އަދި 20 ގަ އެވެ.

މި ދެ ޖަލްސާއަކީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރާއި އެ ޤަރާރު އިސްލާހު ކުރައްވާ ނެރުއްވެވި އިތުރު ދެ ޤަރާރެއްގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ގޮތެއް ނިންމުމަށް ބޭއްވި ދެ ޖަލްސާއެވެ. އެ ދެޖަލްސާއަށްފަހު ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާފައިވަނީ 21 ފެބްރުއަރީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޭޕްރީލް މަހު ނިންމާލާފައިވާއިރު ބާއްވާފައިވަނީ 11 ޖަލްސާ އެވެ.

އެ ޖަލްސާތަކުގައި މައިގަނޑުގޮތެއްގައި ކުރީ އަށް ކަމެކެވެ. އެއީ ތިން ކޮމިޝަނަކަށް ބޭފުޅުން އައްޔަން ކުރުމާއި ދެ ބިލެއް ހުށަހަޅާ އެ ދެ ބިލް ފާސް ކުރުމާއި ސަފީރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަންފުޅު ފާސްކުރުމާއި ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރު ކުރުމާއި ރައްޔިތުންގެ މަޖިލީހުން ކަނޑަޅަން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތު އިންޝިޔުރަންސްއާ ގުޅުން ހުރި މައްސަލަތަކާމެދު ގޮތެއް ނިންމުމެވެ.

މެމްބަރުން އައްޔަނުކުރި ކޮމިޝަންތަކަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް އަހުމަދު ސުލައިމާން، އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކަމަށް އަހުމަދު ޝަރީފް އާދަމް އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް އަމްޖަދު ވަހީދެވެ.

މީގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަމަށް އިބްރާހީމް އުވައިސް އައްޔަން ކުރަން ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ފާސް ކުރިވެ.

ނިމިގެން ދިޔަ ދައުރުގައި މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލަކީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި ޑިފެކްޝަން ބިލެވެ. މީގެއިތުރުން ޢާންމު ޤަވާއިދު ތަކާއި ބެހޭ ޤާނޫނުގެ ޖަދުވަލް 1 އަދި ޖަދްވަލް 2 ގައިވާ ޤަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތްއިންޝިޔުރަންސްއާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަތަކާ މެދު ގޮތެއް ނިމުނީ ވެސް ނިމިގެން ދިޔަ ދައުރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަސް ނިމެންދެނެވެ. ކޮންމެ ހަފުތާއެއްގެ ހޯމައިން ފެށިގެން ބުދަ އާއި ހަމައަށް ޗުއްޓީ ދުވަހެއް ނޫންނަމަ ޖަލްސާތައް ބާއްވަން ޖެހެ އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ކުއްލި އަދި ބޮޑެތި ބަދަލުތަކާއެކު މަޖިލީހުގެ ޖަލްސާތައް ބޭއްވިފައިވާ އަދަދު މަދުވި އިރު ޖަލްސާތަކުގައި ބައިވެރިވެފައިވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގެންނަވާ މެމްބަރުން ވަނީ ޖަލްސާތައް ބައިކޮޓް ކުރައްވާފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އެ ކޮމިޝަނުން އިއުލާންކޮށްފައިވާއިރު އެ ގޮނޑިތައް މަޖިލީހުގައި ހުރީ ހުސްކޮށެވެ. އިދިކޮޅު މެމްބަރުން ޖަލްސާތައް ބޮއިކަޓްކޮށްފައި އޮތް ނަމަވެސް އެމެމްބަރުން ޖަލްސާތަކަށް ހާޒިރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އާންމުކުރި ފުރަތަމަ ދައުރުގެ ހާޒިރީން ދައްކަ އެވެ.

ހާޒިރީން ދައްކާގޮތުގައި ފުރަތަމަ ދައުރުގައި އެއްވެސް ޖަލްސާއަކަށް ވަޑައިނުގަންނަވަނީ ތިން މެމްބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޚުލޫފާއި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް އަދި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް އެވެ. އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންފައިވަނީ ދެ ޖަލްސާއަށް ވަޑައިގެންނެވި މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު އަދި އެއް ޖަލްސާއަށް ވަޑައިގެންނެވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ހުރިހާ ޖަލްސާއަކަށް 25 މެމްބަރުން ވަޑައިގެންނަވާފައިވެއެވެ. ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާއާއެކު ޖުމްލަ 13 ޖަލްސާއެއް ފުރަތަމަ ދައުރުގައި ބޭއްވި އެވެ.