ދުނިޔެ

އާއްމު އިންތިހާބުގައި ރާޖަޕަކްސަ ވާދަކުރައްވާނެ: ރިޕޯޓުތައް

May 27, 2015

ސްރީ ލަންކާގެ އާއްމު އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ނިންމަވާފައިވާ ކަމަށް ލަންކާގެ މީޑިއާ އިން މިއަދު ބުނެފި އެވެ.

އިދިކޮޅު މަޖިލިސް މެމްބަރުންނާ ހަވާލާދީ ލަންކާގެ މީޑިއާ އިން މިއަދު ބުނި ގޮތުގައި އަންނަ ޖުލައި މަހު ބާއްވާ އާއްމު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ގާތް ބޭފުޅުން ކައިރި ރާޖަޕަކްސަ ވަނީ ވިދާޅުވެފަ އެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ކޮންމެ ހަފުތާއަކު ވެސް ގަވާއިދުން ބައްދަލުކުރައްވަން ފައްޓަވާފައިވާ ކަމަށް ވެސް އެ ރިޕޯޓުތައް ބުންޏެވެ.

މިދިޔަ ޖެނުއަރީ 8 ގައި ބޭއްވި އަވަސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހު ރާޖަޕަކްސަ ވަނީ ދުވަސްކޮޅަކަށް ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ.

މީގެ އިތުރުން، ރިިޔާސީ އިންތިހާބަށް ފަހު ސިޔާސީ ދެ ހަތުރުންނަށް ވެވަޑައިގެންފައިވާ މިހާރު ރައީސް މައިތިރަޕަލާ ސިރިސޭނާއާ ވެސް ރާޖަޕަކްސަ ވަނީ މި މަހު 6 ގައި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، އެ ދެ ބޭފުޅުން ވެސް ނިސްބަތްވެވަޑައިގަންނަވާ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އާއްމު އިންތިހާބުގައި ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވުމަށް ރާޖަޕަކްސަ ބޭނުންފުޅުވާތީ އެކަން ސިރިސޭނާ އަށް ހުށަހެޅުއްވި އެވެ.

އެހެން ނަމަވެސް، ރާޖަޕަކްސަގެ ހުށަހެޅުމަށް ރައީސް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ސިޔާސީ މައިދާނަށް އަލުން ނުކުމެވަޑައިގަންވަން ރާޖަޕަކްސަ މަސައްކަތްޕުޅު ފައްޓަވާފައި ވާއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އާ ސަރުކާރުން ވަނީ ފަށާފަ އެވެ. އެ ގޮތުން، ރާޖަޕަކްސަ އާއި އެ މަނިކުފާނުގެ ދެ ކޮއްކޮ އިން ކަމަށްވާ، ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަަބަޔާ ރާޖަޕަކްސަ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ބާސިލް ރާޖަޕަކްސަ ވަނީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރާ ބްރައިބަރީ ކޮމިޝަނަށް ވެސް ހާޒިރުކޮށްފަ އެވެ.