ކުޅިވަރު

ސީސް 2002 ގައިވީ ގުރުބާނީ ސެނެގާލް ޓީމުން ފިލާނުދޭ

ސޯޅަ އަހަރު ކުރިން ބޭއްވި ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި އޭގެ ކުރިގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނިކުތީ، ވޯލްޑްކަޕުގައި މިޅިން އަލަށް ވާދަ ކުރި ސެނެގާލުންނެވެ. މުޅި ދުނިޔެ ހައިރާން ކޮށްލުމަށް ފަހު ސެނާގާލުން ފްރާންސް ބަލި ކުރި އެވެ. އެއީ ވޯލްޑްކަޕުގައި އަލަށް އައި ޓީމަކުން އެ ހާތަނަށް ހޯދި އެންމެ ރަނގަޅު ކާމިޔެބެވެ. އެ ފަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލަށް ސެނެގާލް ދަތުރު ކުރި އެވެ.

އެއީ ސެނެގާލްގެ ފުޓްބޯޅައިގެ ރަން ޖީލުގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖީލްގެ ކުޅުންތެރިން ތިބި ޓީމެވެ. އޭގެ 16 އަހަރު ފަހުން ވޯލްޑްކަޕުގެ ފުރަތަމަ މެޗަށް ސެނެގާލް ނިކުންނައިރު އެ ޓީމުގެ ކޯޗަކަށް ހުރީ، ވޯލްޑްކަޕުގެ ރަން ޖީލް ޓީމުގެ ކެޕްޓަން އަލިއު ސީސް އެވެ.

މިހާރު އުމުރުން 42 އަހަރުގެ އޭރު ކެޕްޓަން، ސެނެގާލް ޓީމުގައި ލީޑް ކުރަން ހުރުމަކީ، ސެނެގާލްގެ ކުޅުންތެރިންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ސެނެގާލް ޓީމު ޕްރޮފައިލް

"އަހަރެމެންނަށް އޭނާ އަށް ހައްގުވާ ފުރިހަމަ ޝުކުރު އަދާ ނުކުރެވޭނެ،" އުލިއު ސީސްއާ ބެހޭގޮތުން ސެނެގަލްގެ މިޑްފީލްޑާ ޗިކޫ ކްޔާޓޭ ބުންޏެވެ. "2012 ވަނަ އަހަރު އެއްވެސް މީހަކަށް އަހަންނެއް އަދި ސެޑިއޯ މާނޭ އެއްވެސް ނޭންގެ، އޭނާ [އުލުއި ސީސް] އަހަރެން ބަލާ އައީ ބެލްޖިއަމަށް، އަދި ސެޑިއޯ މާނޭ ހޯދަން އޭނާ ދިޔައީ ފްރާންސްގެ މެޓިޒްއަށް، އޭނާ އަކީ ހުރިހާ ކުޅުންތެރިންނާވެސް ރަނގަޅު ގުޅުމެއް ބާއްވާ މީހެއް، ކުޅުންތެރިން މޯޓީވޭޓް ކުރުމަށް އޭނާއަކީ ވަރަށް މޮޅު މީހެއް."

ފްރާންސްގެ އެލަން ގިރޭސްގެ ބަދަލުގައި، އުލިއު ސީސް، ސެނެގާލްގެ ޓީމާ ހަވާުވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުރީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމުގަ އެވެ. ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ކްއާޓާ ފައިނަލަށް، ސެނެގާލް ޓީމު އޭނާ ގެންގޮސް ދިނެވެ.

އުލިއު ސީސް ކޯޗު ކަމުގެ ދަތުރު އޭނާ ފެށީ 2002 ވަނަ އަހަރު ވޯލްޑްކަޕުގެ ކްއާޓާ ފައިނަލުގައި ތުރުކީ އަތުން ބަލިވިތާ ދެތިން މަސް ފަހުންނެވެ، ބާމިންހަމް ސިޓީއަށް އޭރު ކުޅެމުން ދިޔަ ސީސް ގެ ހަޔާތަށް ބޮޑު ތޫފާނެ އައެވެ. ވެސްޓްހަމް އާ ދެކޮޅަށް ބާމިންހަމް ސިޓީ ކުޅެން ހަމަޖެހިފައިވާ މުހިންމު މެޗެއްގެ ކުރިން އުލިއު ސީސްގެ ހަޔާތް ކޯޗިން ކެރިއާ ދިމާލަށް ގެންދަން އޭނާ އަޒުމު ކަނޑައެޅީ އޭނާގެ އާއިލާ ފުން ކޯރެއްގެ ތެރެއަށް ގެނބިގެން މަރުވި ކާރިސާ އަށް ފަހު އެވެ.

ސެނެގާލްގެ ކޯރެއްގައި ދަތުރު ކުރަމުން ދިޔަ ފެރީއެއް ބަނޑުން ޖަހާލައި 100 މީހުން މަރުވި ހާދިސާގައި ސީސްގެ އާއިލާގެ 11 މެންބަރުންވެސް މަރުވި އެވެ. އެއީ އޭނާގެ ހަޔާތަށް ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހެވެ. މުޅި ސެނެގާލް ރޮށްވާލި އެ ކާރިސާއަށް ފަހު ސެނެގާލްގެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭން އޭނާ ބޭނުންވީ އެވެ. އެ ހިނިތުންވުމުގެ ފުރަތަމަ މަރުހަލާ އޭނާ ފެށީ ވޯލްޑްކަޕަށް ސެނެގާލް ކުރިމަތި ލުމަށް ފަހު އެވެ.

ޕޮލެންޑް ޓީމު ޕްރޮފައިލް

ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި، މިއަދު ޕޮލެންޑާ ދެކޮޅަށް ނިކުންނައިރު އޭނާ އަށް ބޮޑު އިތުބާރެއް އެބައޮތެވެ. އޭނާ ބުނީ އޭނާގެ މިހާރުގެ ސްކޮޑަކީ ސެނެގާލްގެ ފުޓްބޮޅައިގެ ރަން ޖީލަށް ވާނެ ކަމަށެވެ.