ހަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ގާސިމް ދޫކޮށްލައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ދޫކޮށްލެއްވުމަށް ގާސިމް އިބްރާހިމް ނިންމަވައިފި އެވެ. އެ ޕާޓީ އުފެއްދީއްސުރެ ޕާޓީގެ ލީޑަރު ކަމުގައި ހުންނެވީ ވެސް ގާސިމެވެ.

ޖުމްހޫރީ ޕާޓީން މާދަމާ އެ ޕާޓީގެ ކޮންގްރެސް ބާއްވާއިރު ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމާއި ރައީސް، އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އަލަށް ހުޅުވާލި ރައީސްގެ މަގާމަށް ޕާޓީއާ ވަރަށް ފަހުން ގުޅިވަޑައިގެންނެވި އަލީ ވަހީދު ވަނީ ކުރިމަތިލައްވާފަ އެވެ.

ރައީސް ކަމުގެ މަގާމަށް އަލީ ވަހީދު ވާދަ ކުރައްވާއިރު އެހެން މަގާމުތަކަށް ވާދަ ކުރައްވާ ބޭފުޅުން އަދި ސާފެއް ނުވެ އެވެ.

އިއްޔެ ވީޑިއޯއެއް މެދުވެރިކޮށް ގާސިމް ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރު ކަމަށް އެމަނިކުފާނަށް ކުރިމަތި ނުލެއްވޭ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ޕެރޯލް ގާނޫނުގެ ދަށުން ހުކުމެއް އިއްވާފައިވާ މީހަކަށް ޕާޓީއެއްގެ އިސް މަގާމެއްގައި ނުހުރެވޭނެ ކަމަށް ބުނެފައިވުން ކަމަށެވެ.

ޕާޓީގެ ލީޑަރުގެ ގޮތުގައި ނޫނަސް ހުންނަވާނީ އަބަދުވެސް ޖުމްހޫރީ ޕާޓީގެ މެންބަރުންނާއެކުކަން ގާސިމް އިއްޔެ ފާހަގަ ކުރައްވާފައިވެ އެވެ.

ގާސިމް ލީޑަރުކަން ދޫކޮށްލަވާއިރު އެ މަގާމަށް ވަޑައިގަތުން އެންމެ ގާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. ބޭރުގައި ދިރިއުޅުއްވާ ޖަމީލަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެވެ. އިއްޔެ ގާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ވެސް ޖަމީލަށް ދެއްވީ އެންމެ އިސް މަގާމެވެ. އެއީ ނައިބު ރައީސް ކަމުގެ މަގާމެވެ.

ގާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު ހިމަނާފައިނުވާތީ ޕާޓީތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. އަދި މަގާމުތައް ދެއްވި ބައެއް ބޭފުޅުން އެ މަގާމުތައް ގަބޫލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައިވެސްވެ އެވެ.