ހަބަރު

"ފާރިސްއަށް ހުކުމް ކުރަން އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވަން"

Jun 20, 2018
2

ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަހްމަދު ފާރިސް މައުމޫނަށް ބޭއިންސާފުން ޝަރީއަތްކޮށް ހުކުމް ކުރުމަށް އުޅެނީ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ފާރިސް ބަންދުގައި ހުންނަތާ 11 މަސްދުވަސްވުމާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ ފާރިސް ހައްޔަރުކުރި ދުވަހު ވެސް އަދި އޭގެ ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި އިރުވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ ޖިނާއީ ކުށެއް ކޮށްފައިނުވާނެ ކަމަށާއި ޖިނާއީ ކުށުގެ އަމަލުތަކެއް ކަމަށް ބުނެ ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަކީ ސިޔާސީ ނުފޫޒަށް ތަބާވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ފާރިސް އެ ވިދާޅުވުންތައް މިހާތަނަށްވެސް ޝަރުއީ ކޯޓުތަކުގެ އެކި މަރުހަލާތަކުގައި ހިނގަމުންދާ މައްސަލަތަކުން ފާޅުކަންބޮޑު ގޮތެއްގައި ހާމަވެފައިވާ ކަމަށެވެ.

"މިގޮތުން 18 ޖުލައި 2017 ގައި ރިޝްވަތުގެ ކުށުގެ ތުހުމަތުގައި ކަމަށްބުނެ ފާރިސް ހައްޔަރުކޮށްފައިވަނީ އުފައްދާފައިވާ މައްސަލައެއްގައިކަން 12 މާރިޗް 2018 ގައި ކްރިމިނަލް ކޯޓުގައި ހެކިބަސްދިން ސިއްރު ހެކީގެ ހެކިބަހުންވެސް އޮޅުމެއްނެތި ހާމަވެފައިވޭ، އޭގެ ފަހުން ޓެރަރިޒަމްގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާނީ، ބާޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތައް ކުއްލިގޮތަކަށް ތާވަލްކުރެވި ކުރިއަށްދާ ކަމަށާއި އެ މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށްދާގޮތުން ފާރިސްއަށް ލިބިދީފައިވާ އިންސާފުން ޝަރީއަތްކުރުމުގެ ހައްގު ގެއްލިގެންދާ ކަމަށެވެ.

ބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ފާރިސް ބަންދުގައި ހުންނަނީ ގާނޫނާ ހިލާފަށް ހިންގާފައިވާ ތަހުގީގުތަކެއްގެ މައްޗަށް ކަމަށާއި ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޝަރީޢަތްތަކެއްކަން ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ފާރިސް އާމެދު ދޮގު ތުހުމަތުތައް އުފައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި ގާނޫނީ ވާޖިބު އަދާކުރުމަށް އިސްސަފުގައި މަސައްކަތް ފެއްޓި ހިސާބުންކަން އެންމެހާ ރައްޔިތުންނަށްވެސް ހާމަވާ ކަމަށް ބަޔާނުގައި ވެއެވެ.

"ސިލްސިލާ ގޮތެއްގައި ރައީސް މައުމޫނާއި ފަނޑިޔާރުންނެކޭ އެއްގޮތައް މިހާރު ފާރިސް މައުމޫނަށް ބޭއިންސާފުން ޝަރީއަތްކޮށް ހުކުމް ކުރުމާ ދިމާލަށް އެގެންދަނީ ކަނޑައެޅިގެން ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ކަމުގައި ދެކެން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި ގާނޫނުއަސާސީއާ ގާނޫނުތަކާއި ހިލާފަށް ހައްގުތަކުން މަހުރޫމްކޮށް ރައީސް މައުމޫން އަށް ހުކުމެއް އިއްވުނު ފަދައިން ފާރިސްގެ މައްޗަށްވެސް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައްވެސް އިޖުރާއަތްތަކާ ހިލާފަށް ހައްގުތައް ގެއްލިގެންދާގޮތަށް ކުރިއަށް ގެންދާކަމީ އިންސާފަށްވެސް ހުރި ހުތުރުކަމެއް ކަމަށެވެ.

"ނަމަވެސް މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އިސްލާހަށް މަސައްކަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން ފާރިސް އެގެންދަވަނީ ސާބިތުކޮށްދެއްވަމުން، އަދި ދައުލަތުގެ މުއައްސަސާތަކާއި މަގާމްތަކުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ބޭފުޅުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާއަށް ގާފިލުނުވެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށްވެސް ފާރިސް އެ ގެންދަވަނީ އިލްތިމާސް ކުރައްވަމުން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ފާރޮސް އަރުވާފައި ވެއެވެ. އަދި ފާރިސް މައުމޫނާއި އެންމެހާ ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށްވެސް އިދިކޮޅު ޕާޓީތަކުން ގޮވާލާފައި ވެއެވެ.