ހޮލީވުޑް

ކްރީޑް 2: މައިކަލްއާއި ސިލްވެސްޓާއަށް ޗެލެންޖެއް

"ކްރީޑް 2" ގެ ޓްރެއިލާ.

މާވެލް އިން މިއަހަރު ގެނެސްދިން ފިލްމު "ބްލެކް ޕެންތާ" އަށްފަހު މައިކަލް ބީ ޖޯޑަންއަކީ މިހާރު މަގުބޫލު މޫނެކެވެ. އެ ފިލްމުން އޭނާއަށް ވަނީ ބޮޑު ސަމާލުމަކެއް ލިބިފަ އެވެ. ކުރިއަށް މިއޮތީ އަނެއްކާވެސް އޭނާގެ އާ ފިލްމެކެވެ. މި ފިލްމަކީ 2015 ވަނަ އަހަރު ނިކުތް ފިލްމު "އެޑޯނިސް ކްރީޑް"ގެ ސީކުއެލް ފިލްމެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާ އިރު، މި ފިލްމުގެ ވެގެންދާނީ ފިލްމުގައި ލީޑުން ފެނިގެންދާ މައިކަލްއާއި ސިލްވެސްޓާ ސްޓޭލޮންއަށް ބޮޑު ޗެލެންޖަކަށެވެ. ސަބަބަކީ މައިކަލް މި ފިލްމު އަލަށް ކުޅުނު ނަމަވެސް، ސިލްވެސްޓާ މި ފިލްމުގެ ފުރަތަމަ ފިލްމުވެސް ކުޅެފައިވުމެވެ.

ބޮކްސިން ކުރާ މީހެއްގެ ވާހަކަ ގެނެސްދޭ މި ފިލްމުގައި މައިކަލްއަކީ މަޝްހޫރު ބޮކްސިން ކުރާ މީހެއްގެ ދަރިއެކެވެ. ބޮކްސިން މެޗެއްގެ ތެރެއިން އޭނާގެ ބައްޕަ ވަނީ މަރާލާފަ އެވެ. މައިކަލް ކުޅޭ ކެރެކްޓާ އެޑޯނިސްގެ މަގުސަދަކަށް ވާނީ ބައްޕަ މަރާލި މީހާގެ ދަރިފުޅު ބަލިކޮށްލުމެވެ. މި މެޗަށް އޭނާ ޓްރެއިންކުރާ މީހާ، ރޮކީ ބަލްބޯގެ ރޯލުން ފެނިގެންދާނީ ސިލްވެސްޓާ އެވެ. ފިލްމުގައި މައިކަލްގެ ލޯބިވެރިޔާގެ ރޯލުން ޓޭސާ ތޮމްޕްސަން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އެވެ. ނަމަވެސް މި ފިލްމު ޑައިރެކްޓުކުރަނީ 2016 ވަނަ އަހަރު ނިކުތް ފިލްމު "ދަ ލޭންޑް" ގެ ޑައިރެކްޓަރު ސްޓީވަން ކޭޕްލް ޖޫނިއާ ސްޓީވަން އެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ ނޮވެމްބަރު މަހު 21 ގަ އެވެ.