ވީޑިއޯ

ޕްރިންސް ހެރީ އާއި މޭގަންގެ ފިލްމު ބެލިންތަ؟

"ހެރީ އެންޑް މޭގަން: އަ ރޯޔަލް ރޮމޭންސް" ގެ ޓްރެއިލާ.

މިއީ އެމެރިކާގެ މަޝްހޫރު ކޭބަލް ޓީވީ ނެޓްވޯކް "ލައިފްޓައިމް" އިން މިދިޔަ މެއި މަހު 13 ގައި ގެނެސްދިން ފިލްމެވެ.

"ހެރީ އެންޑް މޭގަން: އަ ރޯޔަލް ރޮމޭންސް" ކިޔާ މި ފިލްމުގައި ގެނެސްދިނީ މިދިޔަ މެއި މަހު 19 ގައި ކައިވެނި ކުރި އިނގެރޭސިވިލާތުގެ ޝާހީ ދަރިކަލުން ޕްރިންސް ހެރީއާއި މަޝްހޫރު އެކްޓްރެސް މޭގަން މާކަލްގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދި އެންގޭޖްމަންޓާއި ހަމައަށް ދިއުމަށް ކުރި ދަތުރުގެ ވާހަކަތަކެވެ.

މި ފިލްމުގައި ދައްކާފައިވާ ވާހަކަތަކާއި ޑައިލޮގުތައް ގެނެސްދީފައި ހުރީ ސީދާ އެ ދެ މީހުންގެ ދެމުގައި ވާހަކަތައް ދެކެވުނު ގޮތަކަށް ނޫނެވެ. ނަމަވެސް އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދި، ދެމީހުންގެ ގުޅުމަށް އައި ބަދަލުތައް މި ފިލްމުގައި ގެނެސްދީފައި ވަނީ އެ ވާހަކަތައް މީޑިއާތަކަށްވެސް އެނގިފައި އޮތް ގޮތަށެވެ.

ޕްރިންސް ހެރިއާއި މޭގަން އެންމެ ފުރަތަމަ ދިމާވީ "ބްލައިންޑް ޑޭޓް" އަކުންނެވެ. މި ދެ މީހުން ބްލައިންޑް ޑޭޓަކަށް ސެޓްކުރީ މި ދެ މީހުންގެ ވެސް ގާތް ގުޅުމެއް އޮތް ރަހުމަތްތެރިއެކެވެ. ނަމަވެސް މިހާތަނަށް އެއީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އޭރު މޭގަންއަކީ އެމެރިކާގެ މަޝްހޫރު ސީރީޒެއް ކަމަށްވާ "ސޫޓްސް" ގެ ބަތަލާ އެވެ. ޕްރިންސް ހެރީއާއި ކައިވެނި ކުރުމަށް އޭނާ ވަނީ އެ ސީރީޒް ވެސް ދޫކޮށްލާފަ އެވެ.

މި ފިލްމާއި ބެހޭގޮޮތުން އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ފިލްމުގައި ޕްރިންސް ހެރީގެ ރޯލުން ފެނިގެންދާ މުރޭ ފްރޭސާ އާއި މޭގަންގެ ރޯލުން ފެނިގެންދާ ޕެރިސާ ފިޓްސް ހެނެލީ، އަސްލު ޕްރިންސް ހެރީއާއި މޭގަންއާއި ވަރަށް ވައްތަރު ވާހަކަ އެވެ. އެ ދެ މީހުންގެ އަޑުގައިވެސް ވައްތަރު ގޮތެއް އެބަހުއްޓެވެ. މި ފިލްމު ޑައިރެކްޓުކުރީ މެންހާޖް ހުދާ އެވެ.