އިނގެރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތް ދޭކަށް ހަތް ވަނަ މުނިމާމާ ކުއްޖަކު ލިބިވަޑައިގެންފި އެވެ. މިފަހަރު ލިބިވަޑައިގަތީ ދަރިކަނބަލެކެވެ. މި ދަރިކަނބަލަކީ ރާނީގެ މާމާ ދަރިކަނބަލުން ޒާރާ ޓިންޑޯލްއަށް ލިބިވަޑައިގެތް ދެ ވަނަ ދަރިކަނބަލެވެ.
ޒާރާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މަޝްހޫރު ރަގުބީ ކުޅުންތެރިޔާ މައިކް ޓިންޑޯލްއާ އެވެ. މި ދެ މީހުން ކައިވެނިކުރައްވައިގެން އުޅުއްވާތާ ހަ އަހަރުވެއްޖެ އެވެ. މި ދެމީހުން ފުރަތަމަ ދަރިކަނބަލުން މިއާ ގްރޭސް ޓިންޑޯލްއަށް މިހާރު ހަތަރު އަހަރެވެ.
ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ދަރިކަނބަލުން އުފަންވެވަޑައިގަތް ހަބަރާއެކު ދެ ފަރާތުގެ އާއިލާއަށްވެސް ބޮޑު އުފަލެއް ލިބިވަޑައިގެންފައިވާ ކަމަށާއި އާ ދަރިކަނބަލުންނަށް ދެއްވާނެ ނަމެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށެވެ.
ޒާރާ ބަލިވެއިންކަން ހާމަކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. ދާދިފަހުން އެލިޒެބަތްގެ މާމާ ދަރިކަލުން ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓްއަށް ވަނީ ދަރިކަލަކު ލިބިވަޑައިގެންފަ އެވެ.
ޒާރާއަކީ ރާނީގެ ހުރި ހަމައެކަނި އަންހެން ދަރިކަނބަލުން، ޕްރިންސެސް އޭންގެ ދަރިކަނބަލެވެ. ޒާރާއަކީ ޕްރިންސެސް އޭންގެވެސް ހުރި ހަމައެކަނި އަންހެން ދަރިކަނބަލުންނެވެ. މީގެ އިތުރުން ޒާރާއަކީ އިނގެރޭސިވިލާތުގެ ޝާހީ އާއިލާގެ ތަހުތު 17 ވަނަ އަށް ވާރުތަވާ ފަރާތެވެ.