ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޔޯގާ ދުވަސް މާލޭގައި ފާހަގަ ކޮށްފި އެވެ. މި ދުވަސް ފާހަގަ ކުރުމަށް މިއަދު ޝޯޝަލް ސެންޓަރުގައި ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިތެވެ. އިންޑިއާގެ ސަފީރުގެ އިތުރުން ރާއްޖޭގައި ހުންނަވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު، ޑރ. އަރްވިން މާތުރްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިންޑިއާގެ ސަފީރް ވިދާޅުވީ ޔޯގާއަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާކުރާ ކަސްރަތެއް ކަމަށާއި މިފަދަ ހަރަކާތެއްގައި ގިނަ ބަޔަކު ބައިވެރިވީތީ އުފާކުރައްވާ ކަމަށެވެ.
މި ހަރާކާތުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި ބިލީވް ޔޫ ކޭންއާއި ކެންސާ ސޮސައީޓި އޮފް ދި މޯލްޑިވްސްއާއި ޑެފް އެސޯސިއޭޝަނާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (ފައިމް) އާއި އިންޑިއާ ކުލަބުގެ މެމްބަރުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ބިދޭސީން ބައިވެރިވި އެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ދުވަހެވެ. މި ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރުމަށް އދ. ގެ އާންމު މަޖިލީހުން ނިންމީ 2015 ވަނަ އަހަރު އެވެ.