ހަބަރު

އުކުޅަހު ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފި

Jun 21, 2018

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ސަސްޕެންޑްކޮށްފި އެވެ.

އެލްޖީއޭއިން ޝައުކަތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މެއި 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން އަންގާފައިވަނިކޮށް އެ ޕްރައިމަރީ އަށް ޝައުކަތު އެއްބާރުލުންދީފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށް ޝައުކަތު ސަސްޕެންޑް ކުރާ ކަމަށެވެ. އަދި ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ މުސާރާއާ އިނާޔަތްތައ ނުލިބޭ ގޮތަށެވެ.

އެމުއްދަތުގައި އުކުޅަހު ކައުންސިލް ހިންގުން އެ ކައުންސިލްގެ ނައިބް ރައީސް އަބުދުﷲ ފިރާގާއި ހަވާލު ކުރުމަށް އއ. އަތޮޅު ކައުންސިލާއި އއ. އުކުޅަކު ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަތީން ނިންމާފައިވާ ކަމަށްވެސް ސިޓީގައި ވެއެވެ.

އެލްޖީއޭއިން ވަނީ ހއ. އިހަވަންދޫ ކައުސިލްގެ ފަސް މެންބަރުންވެސް މިމަހު ސަސްޕެންޑްކޮށްފަ އެވެ. އެބޭފުޅުންވެސް ސަސްޕެންޑް ކޮށްފައިވަނީ ތިން މަސް ދުވަހަށެވެ. އެ ކައުންސިލް އެއްކޮށް ސަސްޕެންޑް ކުރީ ކުރީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.