ދިވެހި ސިނަމާ

"ނިވައިރޯޅި"ގެ ޝޫޓިން ބަލާލަން ނިއުމާގެ އެންމެ ބޮޑު ފޭނަށް!

ފިލްމީ ދާއިރާގައި ނިއުމާ މުހައްމަދު 24 އަހަރު ހޭދަކޮށްފި އެވެ. އޭނާގެ ފިލްމުތައް ބަލާއި، އޭނާއަށް ލޯބިކުރާ އެތައް ފޭނުންނެއް އެބަ ތިއްބެވެ. އެކަމަކު އޭގެ ތެރެއިން ވެސް ވަކި ހާއްސަ ފޭނެއް އެބަހުއްޓެވެ. ނިއުމާގެ ހުރިހާ ފިލްމުތަކެއް ބަލާ ފޭނެކެވެ. އޭނާގެ އިންޓަވިއުތައް ބަރާބަރަށް އަޑުއަހާ ފޭނެކެވެ. ނިއުމާގެ ހާލުވެސް ގާތުން ބަލާ ފޭނެކެވެ. އެއީ ނިއުމާގެ އެންމެ ބޮޑު ފޭން، ހުސެން އަސްލަމް އެވެ.

ބޮޑު ސްކްރީން ކުރިމަތިން އަލްވަދާއު ކިޔަމުން ނިއުމާ އޭނާގެ އެންމެ ބޮޑު ފޭނަށް މި ދެނީ ބޮޑު ހަދިޔާއެކެވެ.

"މިއީ އަހަރެންގެ ފަހު ފިލްމު ވީމަ އަހަރެން ބޭނުންވަނީ އަސްލަމްއަށް ފުރުސަތުދޭން 'ނިވައިރޯޅި' ގެ ޝޫޓިން ބަލާލަން އަންނަން. އަދި އަސްލަމްއަކަށް ނުވެސް އިނގޭނެ އަހަރެން އޭނާއަށް މި ފުރުސަތުދޭން އުޅޭ ކަމެއްވެސް. އަސްލަމް ވަރަށް އުފާވާނެ މި ވާހަކަ އަޑު އިވުނީމަ."

"އަސްލަމްއަކީ އަހަންނަ ވަރަށް ސަފޯޓްކުރާ އަދި ވަރަށް ހިތްވަރުވެސްދޭ ކުއްޖެއް. އަހަރެން ހުރިހާ ފިލްމުތަކެއްވެސް އޭނަ ހުރީ ބަލާފަ. އަހަރެން އެންމެފަހު ފިލްމު 'ނިވައިރޯޅި' ބަލާލުމަށް ވެސް އޭނާ އެބައިން އެއް ޝޯ އެއްކޮށް ބުކްކޮށްފަ." ނިއުމާ ބުންޏެވެ.

ނިއުމާ މިހާރު ހުރީ "ނިވައިރޯޅި" ގެ ޝޫޓިންނަށް ރ. އިނގުރައިދޫގަ އެވެ. މި ފިލްމުގެ ޝޫޓިން ފެށީ މި މަހު 17 ގަ އެވެ. ފިލްމުގެ ޝޫޓިންނަށް 25 ދުވަސް ހޭދަވާނެ އެވެ.

ވަދާއީ ފިލްމެއްގެ ގޮތުގައި "ނިވައިރޯޅި" ގެނެސްދޭނެކަން ނިއުމާ އިއުލާނުކުރީ ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ 20 އަހަރު ފުރުން ފާހަގަކުރުމަށް "ސެލެބްރޭޓިން 20" ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ގައި ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިންނެވެ.

މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް އަކީ މި ފިލްމު މޭކަޕް ޕާޓްނާ އެވެ. މި ފިލްމު ރިލީޒްކުރާ ގޮތަށް އަދި ނިންމާފައި އޮތީ އަންނަ އޮކްޓޯބަރު މަހުގަ އެވެ.