ހަބަރު

އައިޝާ ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށްވާ ގޮތުން

ޕެރަޑައިސް އައިލެންޑް ރިސޯޓުން: ނާޒިމް ހަސަން
Jun 23, 2018
13

ސިޔާސީ ގޮތުން މިވަގުތު އެންމެ ބޮޑެތި އަނިޔާތަކެއް ލިބެމުންދާ އެއް ލީޑަރަކަށް ގާސިމް އިބްރާހިމް ވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެސް ހުންނެވީ ޖަލުގަ އެވެ. ސިޔާސީ މައިދާނުގައި އެއްވެސް ގޮތެއްގައި ހަރަކާތްތެރިނުވާ ސިޔާދު ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ ރިޝްވަތުގެ މައްސަލައެއްގަ އެވެ.

ގާސިމާއި ސިޔާދަށް އަނިޔާތައް ލިބެމުން ގޮސް ގާސިމަށް ސިޔާސީ މައިދާނުން އެއް ފަރާތްވެލަންޖެހިފައިވާ ހާލަތުގައި ކުރިއަށް ނުކުމެވަޑައިގެންނެވީ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެންބަރު ކަމަށް ވާދަކުރައްވާ ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައި ޕާޓީ މެންބަރުންގެ ލޯބި ވަރަށް ބޮޑަށް އައިޝާ ވަނީ ހޯއްދަވާފަ އެވެ.

ސިޔާސީ މައިދާނަށް ރަސްމީކޮށް ނުކުންނަވާ އައިޝާ ވަނީ "އަވަސް"އަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އައިޝާ ވިދާޅުވީ، އޭނާ ސިޔާސީ މައިދާނަށް ނުކުތް ސަބަބަކީ ދޮން ދަރިކަލުން ސިޔާދަށް ލިބެމުންދާ އަނިޔާއާމެދު ކެތް ނުކުރެވިގެން ކަމަށެވެ.

"ސިޔާސީ މައިދާނަށް ނުކުންނަން މަޖުބޫރުކުރުވި ވިސްނުމަކީ، އިބްރާހިމް ސިޔާދު، ވަރަށް ލޯބިވެތި ކުއްޖެއް އެއީ، ގާސިމް އިބްރާހިމް އެއީ ސިޔާސީ މައިދާނުގައި އުޅުއްވާ ހުރިހާ ކަމަކާ ކުރިމަތިލައްވާ ބޭފުޅެއް، އެކަމަކު ވެސް އިބްރާހިމް އެއީ އެއްވެސް ކަމަކާ ކުރިމަތިލައްވައިގެން އުޅުއްވާ ކުއްޖެއް ނޫން، އެކަމަކު އެއްވެސް ހައްގެއް ނެތި އެ ކުއްޖާއަށް ލިބެމުންދާ އަނިޔާއަކީ އަޅުގަނޑަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން އެއްވެސް ހާލަތެއްގަ،" އައިޝާ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ކުރިއަށް ދިޔުމުގެ ވިސްނުމާއެކު ނުކުމެވަޑައިގެންނެވީ ސިޔާދު ފަދަ ކުށެއް ނެތް އެތައް ރައްޔިތުންނަކަށް އަނިޔާ ލިބެ، ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާތީކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަކީ ﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ފުރިހަމަވެ މާލީ ގޮތުން ހުރިހާ ފުދުންތެރިކަމެއް ލިބޭނެފަދަ ދިރިއުޅުމެއް އުޅޭ މީހެއް، އެކަމަކު ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާފަ ހިތަށް އެރީ ހިތަށް ބޭނުން ވަނީ ރައްޔިތުންނަށް ކޮންމެ ވެސް ކަމެއް ކޮށްދިނުމަށް، މި އަންނަ ބަދަލުތަކާ ގުޅިގެން،" އައިޝާ ވިދާޅުވި އެވެ.

"މީގެ ކުރިން އެއް ގޮތަކަށް ވެސް ވިސްނާ ދާއިރާއެއް ވެސް ނޫން، ހިތްހަމަޖެހުމެއްވާ ދާއިރާއެއް ނޫން މިއީ، އަޅުގަނޑުގެ ހިއްސާ ރައްޔިތުންނަށް ދިނުމަށްޓަކައި، ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށްޓަކައި ﷲ އިރާދަކުރައްވައިގެން ތެދު ނިޔަތުގައި އަޅުގަނޑު މިހުރީ، ސިޔާސީ މައިދާނަށް ނުކުމެ މަސައްކަތްތައް ކުރުމަށް މިހުރީ،"

އައިޝާ ވިދާޅުވީ، މިހާރު އޭނާ ހުންނެވީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގެންނެވުމުގެ ފުރިހަމަ އަޒުމުގަ ކަމަށާއި އެ މަސައްކަތުގެ ކޮޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އޭގެ މާނައަކީ އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީއޭ މަސައްކަތުގަ ދެމިހުންނާނީއޭ، ހާލަތު ތަންދޭ ގޮތަކުން އަޅުގަނޑު މަސައްކަތް ކުރާނަން،" އައިޝާ ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި ބެދި، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން ޖެހިވަޑައިގެންވާ ގާސިމް މިހާރު ވަނީ ޕާޓީގެ ލީޑަރުކަން ވެސް ދޫކޮށްލައްވާފަ އެވެ. އަދި ރިޔާސީ އިންތިހާބުގައި ގާނޫނުތައް އޮތް ގޮތުން މިވަގުތަށް އެމަނިކުފާނަށް ވާދަ ނުކުރެއްވޭނެކަން ވެސް ވަނީ އަމިއްލަފުޅަށް ގަބޫލު ކުރައްވާފަ އެވެ. އެހެންވީއިރު ގާސިމްގެ ފަހަތުން އައިޝާ ނުކުމެވައިގެންނެވީ އެމަނިކުފާނުގެ މަގާމަށްތޯ ސުވާލު އުފެދެ އެވެ.

އެ ސުވާލަށް އައިޝާ ދެއްވީ ކުރު ޖަވާބެކެވެ؛ "ތިޔަ ސުވާލުގެ ޖަވާބު ދޭން އަދި އަޅުގަނޑު ބޭނުމެއް ނުވޭ، ތި ސުވާލަށް ޖަވާބު ދޭން ޖެހޭ ހާލަތު ވަރަށް ކައިރި މުސްތަގުބަލެއްގަ އެބަ އާދޭ، އެ ހާލަތުގަ އަޅުގަނޑު ތި ސުވާލަށް ޖަވާބު ދޭނަން،"