ހަބަރު

އެކްސް ޕަވާ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރިސޯޓްތަކަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ، އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓިން ކޮމިޝަނުން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް ފޯރުކޮށްދީފައިވާ ކަމަށްބުނެ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑްކޮމް އިން ބުނީ، އެކްސް ޕަވާއިން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް 11 ރިސޯޓް އަކަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ޖަދުވަލު ދޭއްގެ ދެވަނަ ނަމްބަރާއި ފަސްވަނަ ނަމްބަރާއި ހިލާފަށް އެކްސް ޕަވާއިން ޗެނަލްތައް ދޫކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އެ 11 ރިސޯޓަކީ ސިނަމަން ދޮންވެލި މޯލްޑިވްސްއާ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއާ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއާ އަނަންތަރަ ރިސޯޓް އެންޑް ސްޕާއާ މީރު އައިލޭންޑް ރިސޯޓް އެންޑް ސްޕާ އަދި ކްލަބްމެޑް ކަނި މޯލްޑިވްސް ހިމެނެ އެވެ. މީގެ އިތުރުން، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސްއާ ދަ ސަން ސިޔާމް އިރުފުއްޓާއި ސަން އެކުވާ ވިލުރީފާއި އަނަންތަރަ ވެލި މޯލްޑިވްސް އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހިމެނެ އެވެ.

ބްރޯޑްކޮމް އިން ބުނީ، ހުއްދަ ދީފައިނުވާ ޗެނަލްތައް ދެއްކުމުގެ ސަބަބުން ބްރޯޑްކޮމްގެ ގަވާއިދުގެ ދަށުން ހުއްދައާ ނުލައި ކޮންމެ ރިސޯޓްއަކަށް ދޫކޮށްފައިވާ ކޮންމެ ޗެނަލަކަށް ދެހާސް ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 11 ރިސޯޓަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ ހިލާފަށް ހިދުމަތް ދީފައިވާތީ އެކްސް ޕަވާ 1،046،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ، ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 1،046،000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސްނެތި ދޭ ހިދުމަތް ވަގުތުން ހުއްޓާ ލުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެކްސް ޕަވާ އަށް ބްރޯޑްކޮމް އިން އަންގާފައި ވެއެވެ.