އަކެޝޭ ކްމާރު

ގޯލްޑް ޓްރެއިލާ: މޯނީގެ ކެރެކްޓަރު ވަރުގަދަވާނެ

"ގޯލްޑް" ގެ ޓްރެއިލާ.

އަކްޝޭ ކުމާރް ލީޑުން ފެނިގެންދާ ސްޕޯޓްސް ޑްރާމާ ފިލްމު "ގޯލްޑް" ގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. އިންޑިއާގެ މިނިވަން ދުވަހު، އަންނަ މަހު 15 ގައި ރިލީޒް ކުރާ މި ފިލްމަކީ ގައުމު ފަހުރުވެރި ކުރުވަން ނިކުތް އިންޑިއާގެ ހޮކީ ކުޅުންތެރިންގެ ޓީމެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގެ ލީޑުން އަކްޝޭ ކުމާރް ފެނިގެންދިޔަ ނަމަވެސް، މުހިންމު ރޯލުތަކުން ކުނާލް ކަޕޫރް އާއި އަމިތް ސިދް އަދި މޯނީ ރޯއީ ފެނިގެންދާނެ އެވެ.

މިއީ ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދި މޯނީ، ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މި ފިލްމުގައި މޯނީ ކުޅެނީ އަކްޝޭގެ އަންހެނުންގެ ރޯލެވެ. ޓްރެއިލާގައި މޯނީއަށް ކުޑަ ވަގުތުކޮޅެއް ދީފައިވީ ނަމަވެސް އެ ކުޑަ ފެނިލުމުން ވެސް އޭނާގެ ކުޅަދާނަކަން ދައްކުވާދެ އެވެ. ކުޑަ ސިކުންތު ކޮޅަކަށް ފެނިލި ފެނިލުމުގައި އޭނާގެ ވަރުގަދަ ޑައިލޮގެއް ވެސް ގެނެސް ދިނެވެ.

މޯނީއަށް ވަނީ މިހާރު އިތުރު ބޮލީވުޑް ފިލްމުތަކުން ވެސް ޖާގަ ލިބިފަ އެވެ. އޭގެ ތެރޭގައި "ބްރަހަމަސްތްރާ" އާއި "ރޯ" ހިމެނެ އެވެ. ހިންދީ ޑްރާމާ ސިލްސިލާ "ނާގިން" އިން ގިނަ ބައެއް މަގުބޫލުކަން ހޯދި މޯނީގެ ހުރި ކުޅަދާނަ ކަމެއް ދެން އެނގޭނީ މި "ގޯލްޑް" ބަލާލުމުންނެވެ.

އަކްޝޭއަަށް ބަލާނަމަ އޭނާ ކުޅޭ ކޮންމެ ފިލްމެއްގައި ވެސް އެނާގެ ކުޅަދާނަ ހުނަރު ދައްކައިދެ އެވެ. މި ފިލްމަކީ ވެސް ހަމަ އެފަދައިން އަކްޝޭގެ މޮޅު ފިލްމުތަކުގެ ލިސްޓުގެ ކުރިއަށް އަރާނޭ ފިލްމެއްކަމަށް ބެލެވެ އެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވެ ގޯލްޑް މެޑަލް ހޯދި ފުރަތަމަ މީހާގެ ވާހަކަތައް މި ފިލްމުގައި ގެނެސްދޭނެ އެވެ. ފިލްމުގެ ވާހަކަ ލިޔުނީ ރީމާ ކަގްތީ އާއި ރާޖޭސް ދޭވްރާޖް އެވެ. މި ފިލްމު ޑައިރެކްޓުކުރީ ރީމާ ކަގްތީ އެވެ.