ފިނިޕޭޖް

"ރަކްޝާ ބަންދަން" ކުޅެން އަކްޝޭ ކުމާރު ފަލަވަނީ

އަކްޝޭ ކުމާރަކީ ބޮލީވުޑްގެ އެންމެ ފިޓް އެއް އެކްޓަރެވެ. އޭނާ އަބަދުވެސް ފިޓްކޮށް ހުރުމަށް ވަރަށް ސަމާލުކަން ދެ އެވެ. ވަކި ވައްތަރެއްގެ ކާނާ ކެއުމާއި ދުވާލުގެ ގިނަ ވަގުތުތަކެއްގައި ކަސްރަތުކޮށް އުޅެ އެވެ. ނަމަވެސް ފަހަކަށް އައިސް އަކްޝޭ ވަނީ ފިޓްނަސް މަތިން މުޅިން ހަނދާން ނައްތާލާފަ އެވެ. ބޭނުންހާ އެއްޗެއް ކައިބޮއި ހަދަން ފަށާފަ އެވެ. ސަބަބަކީ އޭނާ ފަށަން އުޅޭ ޑައިރެކްޓަރު އެލް. އާނަންދް ރާއީގެ "ރަކްޝާ ބަންދަން" އަށް އޭނާ ވަރަށް ބިޔަ މީހަކަށް ވާން ޖެހޭތީ އެވެ.

މީގައި ހުރި އެންމެ ޝައުގުވެރި އެއް ކަމަކީ އަކްޝޭ އެންމެ ފަހުން ކުޅުނު "ސޫރިޔަވަންޝީ" އަށް އޭނާ ހަ ކިލޯ ލުއި ކުރަން ޖެހުނު ކަމެވެ.

އަކްޝޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަރުދަން އިތުރު ކުރުމާއި ލުއި ކުރުމަކީ އޭނާ ވަރަށް އުފަލުން ކުރާ ކަމަކަށް ވާތީ އެކަން ކުރުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ.

"ސިއްހަތަށް ފައިދާ ހުރި ގޮތަށް ބަރުދަން އިތުރު ކުރަން ވެސް ލުއިކުރަން ވެސް އަހަންނަށް އެނގޭ. އެހެންވީމާ އަލަށް ފަށާ ފިލްމު ކުޅެން ބަރުދަން އިތުރު ކުރަން ޖެހުމުން ވެސް އަހަންނަކަށް މައްސަލައަކަށް ނުވި. މިހާރުވެސް ފަސް ކިލޯ ބަރުވެއްޖައިން. އެވެސް ސިއްހަތަށް ފައިދާ ހުރި ގޮތްގޮތަށް ކަންތައްތައް ބަހައްޓައިގެން. ބަރުދަން އިތުރު ކުރަން ޖެހުމުން ލިބޭ އަނެއް އުފަލަކީ މަންމަގެ އަތުން ތައްޔާރުކުރީ ހަލުވާ ކާން ލިބުމުން. އެހެންޏާ ފިޓްނަސް އަށް ބަލާފައި އެ ކަހަލަ ފޮނި އެއްޗެތި ކެވޭކަށް ނޯވޭ،" އަކްޝޭ ބުންޏެވެ.

މިހާރު މި ފިލްމުގެ ޝޫޓިންގް މުމްބައިގައި ވަނީ ފަށާފަ އެވެ. އަކްޝޭ އާއެކު މި ފިލްމުގައި ހަރަކާތްތެ ރިވާނީ މުޅިން އާ ފަސް ބަތަލާ އެކެވެ. އެ ބަތަލާއިން ކުޅެނީ އަކްޝޭގެ އެއްބަނޑު އެއްބަފާ ކޮއްކޮއިންގެ ރޯލެވެ. މި ފިލްމުގެ ބަތަލާއަކީ ބޫމީ ޕެޑްނޭކަރް އެވެ. މިއީ އަކްޝޭ އާއި ބޫމީގެ ދެ ވަނަ ފިލްމެވެ. އެ ދެ އެކްޓަރުން މީގެ ކުރިން ކުޅުނީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ.