ސުޝާންތު ސިންގް

ދާދާސާހަބް ޕާލްކޭ އެވޯޑު: ސުޝާންތު މަރުވި ފަހުން އެވޯޑެއް

ވަރުގަދަ ބަލިމަޑުކަމެއް ދުނިޔެއާ ކުރިމަތިވެ އަހަރެއްހާ ދުވަސްވީއިރު ހިންދީ ފިލްމު އިންޑަސްޓްރީއަށް ވެސް އޭގެ އަސަރު އިންތިހާއަށް ވަނީ ކޮށްފަ އެވެ. ނަމަވެސް މިފަދަ ދުވަސްވަރެއްގައި ވެސް އެވޯޑު މޫސުން ފަށައި އިންޑަސްޓްރީއަށް ހިނިތުންވުން ގެނެސްދޭން ބައެއް ފަރާތްތަކުން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އިންޑިޔާގައި އުފައްދާ ފިލްމުތަކާއި ޓީވީ ސީރީޒްތައް އަދި ވެބް ޝޯތަކަށްދޭ ފުރަތަމަ އެވޯޑު ހަފުލާ ފެބްރުއަރީ 20 ގައި ވަނީ ބާއްވާފަ އެވެ. މި އެވޯޑަކީ ދާދާސާހަބް ޕާލްކޭ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އެވޯޑެވެ.

މިއީ ވަރަށް ކުޑަ ގޮތަކަށް ބޭއްވި ހަފުލާއެއް ނަމަވެސް ފިލްމު އިންޑަސްޓްރީގެ ވަރަށް ފުންނާބު އުސް އެކްޓަރުން ތަކަކަށް މިފަހަރު އެވޯޑު ލިބިފައި ވެއެވެ. ހުރިހާ އެވޯޑެއްގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވުނީ މިދިޔަ އަހަރުގެ ޖޫން މަހު މި ދުނިޔެ ދޫކުރި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ލިބުނު ބެސްޓް އެކްޓަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑެވެ. މި އެވޯޑަށް ސުޝާންތު ހޮވީ ހިންދީ ސިނަމާއަށް އޭނާ ކޮށްދިން ފާހަގަ ކޮށްލެވޭ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބުނީ "ލަކްޝްމީ" އިން އަކްޝޭ ކުމާރު އަށެވެ. މިދިޔަ އަހަރު ރިލީޒްކުރި މި ހޮރޯ-ކޮމެޑީ ލިޔެ ޑައިރެކްޓްކުރީ ރާގަވާ ލޯރެންސެވެ. މި ފިލްމު ރިލީޒްކުރީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އެވޯޑު ލިބުނަސް ފިލްމަށް ކްރިޓިކްސްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ "ޗަޕާކް" ކުޅެގެން ދީޕިކާ ޕަދުކޯން އަށެވެ. މިއީ އެސިޑް ހަމަލައެއް އަމާޒުވެ މުޅި ސިފަޔަށް ބޮޑު ބަދަލެއް އައިސް މުޖުތަމައުގެ ފުރައްސާރައާއި މަލާމާތާއި ކުރިމަތިވި ޒުވާން އަންހެނެއް ކަމަށްވާ ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ ހަގީގީ ވާހަކަތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އެންމެ މޮޅު ބަތަލާގެ ކްރިޓިކްސް އެވޯޑު ލިބުނީ ކިއާރާ އަދުވާނީ އަށެވެ. އެވޯޑާ ހަވާލުވާން މި ހަފުލާއަށް ހާޒިރުވި މަދު ތަރިންގެ ތެރޭގައި ކިއާރާ ހިމެނުނެވެ. ކިއާރާއަށް އެވޯޑު ލިބުނީ ނެޓްފްލިކްސް ފިލްމް "ގިލްޓީ" ގައި ކުޅެފައިވާ ރޯލަށެވެ. ކިއާރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކުރި މެސެޖެއްގައި ބުނެފައި ވަނީ މިއީ އޭނާއަށް ލިބުނު ފުރަތަމަ އެވޯޑު ކަމަށެވެ.

އެންމެ މޮޅު ފިލްމަކަށް ހޮވުނީ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންޑް ވޮރިއާ" އަށެވެ. ޑައިރެކްޓަރު އޯމް ރާއުތުގެ މި ފިލްމުގައި ބައިވެރިވީ އަޖޭ އާއި އަންހެނުން އަދި ކުޅަދާނަ ފިލްމީ ބަތަލާ ކާޖޮލް އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ އަނުރާގް ބާސޫ އަށެވެ. މިހާރުވެސް ނެޓްފްލިކްސް އިން ސްޓްރީމް ކުރަމުންދާ ފިލްމު "ލޫޑޯ" ޑައިރެކްޓް ކޮށްގެންނެވެ. މި ފިލްމުގައި އަބީޝެކް ބައްޗަން، ރާޖްކުމާރު ރާއޯ، އަދިތުޔާ ރޯއި ކަޕޫރު، ސާންޔާ މަލްހޯތުރާ އަދި ފާތިމާ ސަނާ ޝޭޚް ބައިވެރިވެފައި ވެއެވެ.

ސަޕޯޓިން ރޯލުތަކުގެ ތެރެއިން ބެސްޓް އެކްޓްރެސް އިން ސަޕޯޓިން ރޯލުގެ އެވޯޑު ގެންދިޔައީ ވަރަށް އާ ނަމަވެސް ކުޅަދާނަ ބަތަލާއެއް ކަމަށްވާ ރާދިކާ މަދަން އެވެ. ރާދިކާއަށް އެވޯޑު ލިބުނީ ހޯމީ އަދަޖާނީ ޑައިރެކްޓްކޮށް އިރްފާން ޚާން ލީޑް ރޯލު ކުޅުނު "އަންގްރޭޒީ މީޑިއަމް" ކުޅެގެންނެވެ.

ބެސްޓް އެކްޓަރު އިން ސަޕޯޓިން ރޯލުގެ އެވޯޑު ލިބުނީ ވިކްރާންތު މެސީ އަށެވެ. "ޗަޕާކް"ގައި އޭނާ އަދާކުރި ރޯލަށެވެ.

ކޮމިކް ރޯލުތަކުގެ ބައިން އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ "ލޫޓްކޭސް" އިން ކުނާލް ކޭމޫ އަށެވެ.

"ޕަފޯމާ އޮފް ދަ އިޔާ"ގެ އެވޯޑު ގެންދިޔައީ ނޯރާ ފަތޭހީ އެވެ. ނޯރާއަށް އެވޯޑު ލިބުނީ ފާއިތުވީ އަހަރު އޭނާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ކޮށްދިން މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ވެބް ސީރީޒް ކުޅުނު ބަތަލާއިންގެ ތެރެއިން އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ ސުޝްމިތާ ސިންގް އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ދެއްކި އޭނާގެ ވެބް ސީރީޒް "އާރްޔާ" އިންނެވެ.

މި ކެޓަގަރީން ބެސްޓް އެކްޓަރުގެ އެވޯޑު ގެންދިޔައީ "އާޝްރަމް" ކުޅެގެން ބޮބީ ޑެއޯލް އެވެ. ބެސްޓް ސީރީޒްގެ އެވޯޑު ލިބުނީ "ސްކޭމް 1992" އަށެވެ. މި ފިލްމުގައި ސްޓްކްބްރޯކާ ހަރްޝަދު މެހެތާގެ ރޯލު ކުޅެފައިވަނީ ޕްރަތީކް ގާންދީ އެވެ.

ޓެލެވިޒަން ސީރީޒްތަކުގެ ކެޓަގަރީން ދިން އެވޯޑުތަކުގެ ތެރެއިން އެންމެ މޮޅު ސީރީޒް އާއި އެންމެ މޮޅު ބަތަލު އަދި އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ "ކުންޑަލީ ބާގްޔާ" އާއި އެ ޝޯގެ ލީޑް ދެ އެކްޓަރުން ކަމަށްވާ ދީރަޖް ދޫޕަރް އާއި ސުރްބީ ޗަންދްނާ އެވެ.