ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

އަކްޝޭ ހޮސްޕިޓަލުގައި، ފިލްމުގެ 45 ކުރޫން ޕޮޒިޓިވް

އަކްޝޭ ކުމާރު ކުޅެމުންދިޔަ "ރާމް ސެތޫ"ގެ ޝޫޓިން މެދުކަނޑާލަން ޖެހިއްޖެ އެވެ. އެއީ އަކްޝޭ އާއި ކުރޫންގެ ތެރެއިން 45 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެންމެ ކުރިން ޕޮޒިޓިވްވީކަން އެނގުނީ އަކްޝޭ އެވެ. އޭނާ ޕޮޒިޓިވް ވުމުން ކުރޫންގެ ތެރޭގައި ހިމެނުނު 100 އެއްހާ މީހުންނަށް ޓެސްޓް ކުރަން ޖެހުނީ އެވެ. މި އެންމެންގެ ނަތީޖާއިން އިތުރު 45 މީހަކަށް ބަލި ޖެހިފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.

އަކްޝޭ މިހާރު އޮތީ މުމްބައިގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އޭނާ ސޯޝަލް މީޑިއާގައި ޝެއާކުރި މެސެޖެއްގައި ބުނެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެންމެ ކުރިން އަކްޝޭ ހުރީ ހޯމް ކަރަންޓީނުގަ އެވެ. ހޮސްޕިޓަލަށް ބަދަލުވީ ބަލީގެ އަލާމާތްތައް ގިނައިން ފެންނަން ފެށީމަކަމަށް ލަފާ ކުރެވެ އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ޝޫޓިން ފެށި "ރާމް ސެތޫ" އަކީ އަބީޝެކް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. ބަތަލާ އަކީ ޖެކްލީން ފެނާންޑިސް އާއި ނުޝްރަތު ބަރޫޗާ އެވެ.

އިންޑިޔާއަށް ކޯވިޑްގެ ބިޔަ ބޮޑު ރާޅެއް ބިންދާލާ ދުވަލަކު ލައްކައެއްހާ މީހުން ޕޮޒިޓިވް ވަމުންދާއިރު ބޮމްބޭ އެ ސްޓޭޓަކަށް ނިސްބަތްވާ މަހަރަޝްތުރާގެ ހާލަތު އުޅެނީ ވަރަށް ގޮސްކޮށެވެ. ގިނަ އަދަދެއްގެ ފިލްމީ ތަރިން ޕޮޒިޓިވް ވަމުންދަނީ އެ ރަށުގައި ބަލި ފެތުރިފައި އޮތްލެއް ބޮޑުކަމުން ކަމަށް ލަފާ ކުރެވެ އެވެ.

މިހާރުވެސް އާލިއާ ބަޓް އާއި އާމިރު ޚާން އަދި ރަންބީރު ކަޕޫރާއި ގޯވިންދާ އަދި މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ ވެސް ދަނީ ކޯވިޑަށް ފަރުވާ ހޯދަމުންނެވެ.

ކާރްތިކް ހޯމަ ދުވަހު އިންސްޓަގްރާމްގައި ޝެއާކުރި މެސެޖެއްގައި އޭނާގެ ނަތީޖާ ނެގެޓިވްކަމަށް ބުނެފައި ވެއެވެ.
އެންމެ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވީކަން އިއުލާންކުރީ ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރް އެވެ. އަދިވެސް ކުރިޔަށް އޮތް ތަނުގައި އިތުރު ގިނަ ތަރިން ތަކަކަށް މި ބަލި ޖެހޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ފިލްމުތަކުގެ ޝޫޓިންގްގައި ގިނަ ބަޔަކު ވަރަށް ގައިގޯޅިކޮށް އުޅޭތީ އެވެ.