ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ޕްރޮޑިއުސަރު ރަޔަން އިވާން މަރުވެއްޖެ

"އިންދޫ ކީ ޖަވާނީ" އާއި އެނޫން ވެސް ބައެއް ފިލްމުތައް ޕްރޮޑިއުސް ކޮށްފައިވާ ރަޔަން އިވާން ސްޓެފަން، 50، ކޮވިޑް ބަލީގައި މަރުވުމުން އޭނާގެ ފިލްމުތަކުގައި ބައިވެރިވެފައިވާ ފިލްމީ ތަރިން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އެކި މެސެޖުތައް ޕޯސްޓް ކޮށްފި އެވެ.

ކޮވިޑް-19 ޖެހި 20 ދުވަސް ވަންދެން ރަޔަން އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. އޭނާ މަރުވީ މިދިއަ ހޮނިހިރު ދުވަހު އެވެ. ރަޔަން އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ވެސް ބައިވެރި އެކެވެ.

ކިއާރާ އަދުވާނީ، ވަރުން ދަވަން ފަދަ އެކްޓަރުން ވަނީ ރަޔަންގެ މަރުވުމުން ވަރަށް ހިތާމަ ކުރާ ކަމަށް ބުނެ މެސެޖުކޮށްފަ އެވެ.

މަނޯޖް ބަޖްޕާއީގެ މެސެޖުގައި ރަޔަން އަކީ ވަރަށް މަޑުމައިތިރި ރަނގަޅު މީހެއްކަމަށް ބުނެފައި ވެއެވެ. އަދި ކޮވިޑް ބަލީގައި ވަރަށް ޅަ އުމުރުގައި އޭނާ މި ދުނިޔެއަށް އަލްވަދާއުކީ ކަން ފާހަގަ ކޮށްފައި ވެއެވެ.

ކޮވިޑް-19 އިގެ ދެ ވަނަ ރާޅެއް އިންޑިއާއަށް ކުރިމަތިވެފައިވާއިރު މިފަހަރު ބޮލީވުޑުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުންގެ ފުރާނަ އެ ބަލީގައި ވަނީ ގެއްލިފަ އެވެ. ރަޔަންގެ އިތުރުން މި ބަލީގައި މަރުވި މީހުންގެ ތެރޭގައި އެކްޓަރުންނާއި މިއުޒިކް ޑައިރެކްޓަރުން ހިމެނެ އެވެ.