ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކަޕޫރު އާއިލާއަށް ހިތާމަ: ރަންދީރު އައިސީޔޫގައި

ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރުގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރަންދީރު ކަޕޫރަށް ކޮވިޑް ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އައިސީޔޫގައި އޮވެ އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ރަންދީރު ބުނީ އައިސީޔޫއަށް ބަދަލުކުރީ އިތުރު ޓެސްޓްތަކެއް ހަދަން ޖެހިގެން ކަމަށެވެ. ރަންދީރު އިތުރަށް ބުނެފައި ވަނީ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވީ ނަމަވެސް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްވާން ޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ.

ރަންދީރު ބުނި ގޮތުގައި އޭނާ މިހާ ބޮޑަށް ބަލިވެފައި ވަނީ އާއިލާގެ އެތައް ބަޔެއްގެ މަރުން ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.

"މިދިޔަ އަހަރަކީ އަހަރެންގެ ހަޔާތުގައި ވެސް އައި އެންމެ ހިތާމަވެރި އަހަރު. 10 މަސް ތެރޭ އަހަރެންގެ ލޯބިވާ ދެ ކޮއްކޮ، ޗިންޓޫ (ރިޝީ ކަޕޫރު) އާއި ޗިމްޕޫ (ރާޖީވް ކަޕޫރު) ވަނީ މި ދުނިޔެ ދޫކޮށްފައި. އޭގެ ކުރީ އަހަރު އަހަރެންގެ މަންމަ (ކްރިޝްނާ ރާޖް ކަޕޫރު) އާއި ދައްތަ (ރީތޫ ނަންދާ) ވަނީ އަހަންނާ ވަކިވެފައި. އަހަރެންގެ އެއްބަނޑު އެއްބަފާ ތިން ފިރިހެނުންނާއި ދެ އަންހެނުން ދިރިއުޅުނީ ވަރަށް ގާތްކޮށް. އޭގެ ތެރެއިން ތިން މީހުން އަހަންނާ ވަކިވުމުން އަހަރެން މިވަނީ ހިތާމައިން ގޮސް ހަލާކުވެފައި،" ރަންދީރު ބުންޏެވެ.

ރަންދީރަށް ކޮވިޑް ޖެހުނުއިރު އޭނާގެ ހިދުމަތުގައި މަސައްކަތްކުރި ފަސް މުވައްޒަފަކަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.

ރަންދީރު ބުނި ގޮތުގައި އޭނާއާއެކު އެ ފަސް މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. އެ މީހުންނަށް ދެވެން ހުރި އެންމެ ރަނގަޅު ފަރުވާއެއް ހޯދައިދޭން އޭނާ މަސައްކަތް ކުރާނެ ކަމަށް ރަންދީރު ބުންޏެވެ.