ކަރީނާ ކަޕޫރު އަޅާ ކޮންމެ ހެދުމެއް ވެސް ހުންނަނީ އިންތިހާއަށް ސްޓައިލް ކޮށެވެ. ދާދިފަހުން ކަރީނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ސެލްފީއަކާއެކު ލިޔެފައިވާ މެސެޖެއްގައި އެންމެން މާސްކް އަޅަން ހަނދާން ކޮށްދީފައި ވެއެވެ. މި ސެލްފީގައި ކަރީނާ ހުރީ ހުދު ކުލައިގެ ވަރަށް އާދައިގެ "ޕްރޮޕަގެންޑާ" ލިޔެފައިވާ ޓީޝާޓެއް ލައިގެންނެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އޭނާގެ ޓީޝާޓަށް ވުރެ ބޮޑަށް އޭނާގެ ބްރޭންޑް މާސްކަށެވެ. އެ މާސްކްގައި ލުއި ވިއްޓޮން ބްރޭންޑް ލޯގޯ ޖަހާފައި ވެއެވެ.
ކަރީނާގެ މި ފޮޓޯއިން މީހުން އެންމެ ބޮޑަށް އަޅައިގަތީ އޭނާ އަޅައިގެން ހުރި މާސްކްގެ އަގު ބޮޑުކަމުންނެވެ. އަދި ޓީޝާޓާއި މާސްކްގެ އަގު އަޅާ ކިޔުމަށް ވެސް ބައެއް މީހުން ޝައުގުވެރިވި އެވެ.
ކަރީނާގެ ޓީޝާޓަކީ އެކްނޭ ސްޓޫޑިއޯޒްގެ އުފެއްދުމެކެވެ. މިއީ އޮންލައިންކޮށް ލަގްޒަރީ ބްރޭންޑްތަކުގެ ހެދުންތައް ވިއްކާ ބްރޭންޑެކެވެ. މައިތެރެސާ ވެބްސައިޓުން ވިއްކާ މި ބްރޭންޑުގެ ޓީޝާޓެއްގެ އަގަކީ 140 ޔޫރޯ އެވެ. ނަމަވެސް އޭނާގެ ބްރޭންޑަޑް މާސްކްގެ އަގަކީ 355 ޔޫއެސް ޑޮލަރެވެ. މިއީ ބޮލީވުޑް ތަރިންގެ ތެރެއިން ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އާންމު ގޮތެއްގައި އަޅައިގެން އުޅޭތަން ފެންނަ މާސްކް ބްރޭންޑެކެވެ.
ކޮންމެއަކަސް މިހާ އަގުބޮޑު މާސްކެއް އަޅައިގެން ވެސް މާސްކް އަޅަން މީހުންނަށް ހިތްވަރުދީ މެސެޖެއް ޝެއާ ކުރީތީ ކަރީނާގެ ފޭނުން ތިބީ ހިތްހަމަޖެހިފަ އެވެ. ބޮލީވުޑް ތަރިން އެންމެ ގިނައިން ދިރިއުޅޭ އިންޑިއާގެ މަހަރަޝްތުރާގައި ކޮވިޑް-19 އިގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ވީމާ ފިލްމީ ތަރިން ވެސް އެމީހުންގެ ޒިންމާ އަދާކުރުމުގެ ގޮތުން މީހުން ހޭލުންތެރި ކުރުވަން އެކި މަސައްކަތްތައް ކުރެ އެވެ. ކަރީނާ ވެސް ދެނީ މިފަދަ ހޭލުންތެރިކަމުގެ މެސެޖެކެވެ.
ކަރީނާގެ މާސްކްގެ އަގަށް ނުބަލާ އޭނާ ދިން މެސެޖަށް އަމަލުކުރާށެވެ.