ކަރީނާ ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން މީގެ ފަސް ވަރަކަށް ދުވަސް ކުރިން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަ ކޮށްފަ އެވެ. ކަރީނާ އަށާއި އޭނާގެ އެކުވެރި އަންހެން ގްރޫޕަށް ކޮވިޑް ޖެހުނީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ޕާޓީއަކަށް ފަހުގަ އެވެ. އެ ޕާޓީގައި ބައިވެރިވީ ވަރަށް މަދު ބަޔެއް ނަމަވެސް ރޯގާ ޖެހި ކެއްސާ މީހަކު ޕާޓީއަށް ދިއުމުން އެންމެންނަށް ކޮވިޑް ޖެހުނީ އެވެ. މި ޕާޓީގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑް ނުޖެހި ތިބީ ވަރަށް މަދު ބައެކެވެ.
ކޮވިޑް ޖެހުމާ ގުޅިގެން ކަރީނާ ވަނީ އޭނާގެ ގޭގެ ވަކި ތަނެއްގައި ކަރަންޓީނު ވެފަ އެވެ. އަދި ދެ ދަރިންނާއި ފިރިމީހާ އާ ވެސް ބައްދަލު ބައްދަލުވެވޭނެ ގޮތެއް ނެތެވެ.
"ކޮވިޑް ދެކެ އަހަރެން ވަރަށް ނަފުރަތު ކުރަން. އަހަރެންގެ ތުއްތު ދަރިންކޮޅު މަތިން އަހަރެން ވަރަށް ހަނދާންވެ ވަރަށް ދެރަވޭ. ހިތް ހަލާކުވެފައިވާ އީމޯޖީ ތަކަކާއެކު ކަރީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ލިޔެފައި ވެއެވެ. "ނަމަވެސް ވަރަށް އަވަހަށް ވަރުގަދަ ވެލާނަން،" އަދި ބައިސެޕް ފުއްޕާފައިވާ އަތެއްގެ އީމޯޖީ ތަކަކާއެކު އޭނާ އިތުރަށް ލިޔެފައި ވެއެވެ.
ހުކުރު ދުވަހު ކަރީނާ ވަނީ އޭނާ ކަރަންޓީނު ވެގެން ހުރި ކޮޓަރީގެ ބެލްކަނީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ. މި ފޮޓޯގައި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ކުރިމަތިން ހުރި ބިލްޑިންގްގެ ޓެރަސް މަތީގައި ކޮފީ ބޯން ހުއްޓާ ފެންނަ ފޮޓޯއެއް ޝެއާ ކޮށްފައި ވެއެވެ. އަދި ކޮރޯނާގެ މި ޒަމާނުގައި ވެސް އެމީހުންގެ ލޯބި ދެމިއޮތް ކަމަށް ބުނެފައި ވެއެވެ.
ކަރަންގެ ޕާޓީން ކަރީނާ އާއެކު އޭނާގެ ބެސްޓް ފްރެންޑް އަމްރިތާ އަރޯރާ އާއި އެނޫން ވެސް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެފައި ވެއެވެ. މުމްބައިގެ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ކަރީނާ އާއި އަމްރިތާ ކުށްވެރިކޮށްފައި ވެއެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑްގެ ގައިޑްލައިނާ ޚިލާފަށް ކަރީނާ އާއި އަމްރިތާ އެތައް ޕާޓީއަކަށް ގޮސްފައި ވެއެވެ.
ނަމަވެސް މި ދެ ބަތަލާއިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު އިންޑިޔާގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަރިނާ އާއި އަމްރިތާ އަކީ ވަރަށް ޒިންމާދާރު ދެ މީހެކެވެ. ލޮކްޑައުންގައި އިންޑިއާ އޮތް އިރު އާއި އޭގެ ފަހުން ވެސް ކޮވިޑްގެ ގައިޑްލައިނަށް އެމީހުން ފުރިހަމައަށް ތަބާވެ އެވެ.
"އަމްރިތާ އާއި ކަރީނާއަށް ކޮވިޑް ޖެހުނީ ކަރަންގެ ގޭގައި ވަރަށް ހާއްސަ އެކުވެރިންކޮޅަކަށް ބޭއްވި ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވުމުން. ބަލިކަން އެނގި ހުރެ އެރޭ އެ ކެއުމުގައި ބައިވެރިވި މީހެއްގެ ސަބަބުން އެންމެންނަށް ބަލި އެރީ،" ކަރީނާ އައި އަމްރިތާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބަލި ޖެހުނަސް ކަރީނާއަށް މާ ބޮޑު ވަރު ނުވާ ކަމަށާއި އޭނާގެ ކިބައިން ބަލީގެ އަސަރު ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.