ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ދާދިފަހުން ވަނީ އޭނާގެ 50 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އުފަން ދުވަސް ފާހަގަކުރަން ކުރަން ބޭއްވި ޕާޓީ އޮތީ ފާއިތުވީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. މި ޕާޓީއަށް ޝާޙް ރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން އަދި ސައިފް އަލީ ޚާން ދިޔަ އެވެ. އަދި އަބީޝެކް ބައްޗަން އާއި އައިޝްވަރިޔާ ރާއީ، ކަރީނާ ކަޕޫރާއި ޖޫހީ ޗައުލާ، މާދުރީ ޑިކްޝިޓް ފަދަ ބަތަލާ އިން ވެސް ބައިވެރިވި އެވެ.
ޔާޝްރާޖް ސްޓޫޑިއޯޒްގައި ބޭއްވި މި ޕާޓީގައި އެންމެން ފަތިސް ވަންދެން މަޖާ ނަގާފައިވާއިރު ޕާޓީއަށް ދިޔަ 55 ވަރަކަށް މެހެމާނުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.
ކޮވިޑް ޖެހުނީ ކޮން ބަޔަކަށް ކަން އަދި ޔަގީން ނުވިޔަސް ބޮލީވުޑް ތަރިންގެ ތެރެއިން މި ޕާޓީއަށް ދިޔަ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ވެއެވެ.
ކާރްތިކް އާރްޔަން އަކީ މިހާރު ކަރަން އާ މައްސަލަ ޖެހިފައިވާ އެކްޓަރަކަށް ވާތީ އޭނާ މި ޕާޓީ އަކަށް ނުދެ އެވެ. ނަމަވެސް ޕާޓީއަށް ދިޔަ ބަތަލާ އަކާއެކު ކާރްތިކް ފިލްމު ޕްރޮމޯޝަންތަކެއްގައި ބައިވެރިވުމުގެ ސަބަބުން ކާރްތިކް އަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.
"ހުރިހާ ކަމެއް ޕޮޒިޓިވްކޮށް ވަމުން ގޮސް އެންމެ ފަހުން ކޮވިޑް ވެސް ޕޮޒިޓިވް ވެއްޖެ،' ކާރްތިކް އަށް ކޮވިޑް ޖެހިފައިވާކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ޝެއާކުރި މެސެޖުގައި ވެއެވެ.
ކަރަންގެ ޕާޓީއަށް ދިޔަ އެކްޓަރުންގެ ތެރެއިން ކޮވިޑް ޖެހުނުކަން ޔަގީންކުރެވިފައިވާ ހަމައެކަނި އެކްޓަރަކީ އަދިތުޔާ ރޯއި ކަޕޫރެވެ. އިތުރު ބަޔަކަށް ވެސް ކޮވިޑް ޖެހިފައިވާއިރު އެންމެން އުޅެނީ މިއީ ނުވާ ކަމަކަށް ހަދައިގެން އެކަން ސިއްރު ކުރަން ވެގެންނެވެ.