ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކަރީނާ އާއި އޭނާގެ "ގާލް ގޭންގް" ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކަރީނާ ކަޕޫރާއި އޭނާގެ ބެސްޓް ފްރެންޑް އަދި ކުރިން ބައެއް ފިލްމުތަކުން ފެނިފައިވާ އަމްރިތާ އަރޯރާ އަށް ކޮވިޑް ޖެހިފައިވާކަން އެމީހުން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

ކަރީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވާ ގޮތުގައި އޭނާ ކޮވިޑް ޓެސްޓް ހަދައި ޕޮޒިޓިވްކަން އެނގުމުން މިހާރު ހުރީ އެހެން މީހުންނާ ދުރުގައި ކަރަންޓީނުގަ އެވެ. އަދި އޭނާއާ ބައްދަލުވެފައިވާ އެންމެން ޓެސްޓްކުރަން ވެސް ކަރީނާ އެދިފައިވެ އެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އާއި އާއިލާގެ އެންމެން އަދި ސްޓާފުން ވެސް ތިބީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

ކަރީނާ ލިޔެފައިވާ ގޮތުގައި އޭނާގެ ހާލު ވެސް މިވަގުތަށް ރަނގަޅެވެ. އަދި އާއިލާގެ އެއްވެސް މީހެއްގެ ކިބައިން ކޮވިޑް އަލާމާތެއް އަދި ނުފެނެ އެވެ.
އަމްރިތާ ވެސް ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.

އިންޑިއާގެ ކަމާ ބެހޭ އޮތޯރިޓިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނާތީ ކަރީނާ ހުރީ އޭނާގެ ގޭގައި ކަރަންޓީނުގަ އެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށައިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓްވާން އޭނާއަށް އިރުޝާދު ދީފައިވާ ކަމަށެވެ.

ކަރީނާ އާއި އަމްރިތާގެ އިތުރުން އެމީހުންގެ "ގާލް ގޭންގް"ގައި ހިމެނޭ މަހީޕް ކަޕޫރާއި، ސީމާ ޚާން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މަހީޕް އަކީ ބޮލީވުޑް އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެނުންނެވެ. ސީމާ އަކީ ސަލްމާންގެ ކޮއްކޮ ސުހައިލް ޚާންގެ އަންހެނުންނެވެ.

މި ހަތަރު މީހުންގެ އިތުރުން އެމީހުންގެ "ގާލް ގޭންގް"ގައި ހިމެނެނީ އަމްރިތާގެ ދައްތަ މަލައިކާ އަރޯރާ އާއި ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރެވެ.
މީގެ ދުވަސްކޮޅެއް ކުރިން މަލައިކާ އަށް ކޮވިޑް ޖެހި ފަސޭހަ ވެފައި ވެއެވެ.