ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑްގެ ދެވަނަ ރާޅުގައި ދެ ބަތަލާއެއްގެ ފުރާނަ ހިނގައްޖެ

އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް ބަލިމަޑުކަމުގެ ބިޔަ ބޮޑު ދެވަނަ ރާޅުގައި ވަރަށް ގިނަ ފަންނާނުންތަކެއް މިހާރު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

މީގެ ތެރޭގައި ބޮލީވުޑް ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ދެ ބަތަލާ އިން ކަމަށްވާ އަބީލާޝާ ޕާޓިލް އާއި ޝްރީޕްރަދާ ހިމެނެ އެވެ.

އުމުރުން 40ގެ އަހަރުތައް ގުނަމުންދިޔަ އަބީލާޝާ އަކީ "ބަދުރީނާތު ކީ ދުލްހަނިޔާ"، "ޗިޗޯރޭ" އަދި "ގުޑް ނިއުޒް" ފަދަ ފިލްމުތަކުގައި ބައިވެރިވެފައިވާ ބަތަލާ އެކެވެ.

އޭނާގެ ކުއްލި މަރާ އެކު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ އެކުވެރިން ތަކަކަށް ވަނީ ހިތާމަވެރިކަން ލިބިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން ދަނީ އަބީލާޝާ މަރުވުމުގެ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ކޮވިޑް ޖެހި ހާލަތު ގޯސްވެގެން މަރުވި ޝްރީޕްރަދާ އަކީ ސައުތު އިންޑީއާ ފިލްމުތަކާއި ހިންދީ ފިލްމުތަކުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ތަޖުރިބާކާރު ބަތަލާ އެކެވެ.

ޝްރީޕްރަދާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 80 އާއި 90ގެ އަހަރު ތަކުގަ އެވެ. "ބަޓްވާރާ"، "ދިލްރުބާ"، "ޝޯލާ އައުރް ތޫފާން" އަކީ އެ ދުވަސްވަރު ޝްރީޕްރަދާ ކުޅުނު ވަރަށް މަޝްހޫރު ފިލްމުތަކެކެވެ.

މި ފަހަކަށް އައިސް އޭނާ ފެންނަމުން ދިޔައީ ޓިވީ ސިލްސިލާ ތަކުންނެވެ. އެގޮތުން "ކޭސީ ހޭ ޔާރިއާން" އާއި ޒީ ޓީވީގެ ބިރުވެރި ޝޯ "އަދޫރީ ކަހާނީ ހަމާރީ"ގައި އޭނާ މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ.

ޝްރީޕްރަދާގެ ނަމަކީ އޭނާ ފިލްމުތަކުގައި އެންމެ ވިދާލި ދުވަސްވަރު އިންޑަސްޓްރީގެ މީހުން އޭނާއަށް ދިން ނަމެކެވެ. އެއީ 80 އާއި 90ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖެހި ޝްރީދޭވީ އާއި ޖާޔާ ޕްރަދާ އާ ދެ ބަތަލާއިންގެ ނަން ގުޅުވައިގެން ހަދާފައިވާ ނަމެކެވެ.

ދަރުމެންދުރަ، ގޯވިންދާ އަދި ރާޖް ބައްބަރް ފަދަ އެކްޓަރުނާއެކު ޝްރީޕްރަދާ ފިލްމު ކުޅެފައި ވެއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައިވާ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ފިލްމު އެޑިޓަރު އަޖޭ ޝަރުމާ ވެސް ހިމެނެ އެވެ. އަޖޭ އެޑިޓްކުރި ފިލްމުތަކުގެ ތެރޭގައި "ލޫޑޯ"، "ޖައްގާ ޖާސޫސް" އަދި "ކާރްވާން" ހިމެނެ އެވެ.

އަދި އެކްޓަރު ބިކްރަމްޖީތު ކަންވަރްޕާލް ވެސް ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ. އުމުރުން 52 އަހަރުގެ ބިކްރަމްޖީތަކީ ރިޓަޔާޑް އާމި އޮފިސަރެކެވެ.

އޭނާ އެކްޓްކުރަން ފެށީ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރުމަށްފަހު 2003 ގައެވެ. "ޕޭޖް 3"، "ރޮކެޓް ސިންގް"، "ސޭލްސްމެން އޮފް ދަ އިޔާ"، "އާރަކްޝަން"، "މާޑާ 2"، "2 ސްޓޭޓްސް" އަދި "ދަ ގާޒީ އެޓޭކް"ގައި ބިކްރަމްޖީތު ބައިވެރިވި އެވެ.

ބޮލީވުޑް ގިނަ އެކްޓަރުން ތަކަކަށް ކޮވިޑްގެ ދެވަނަ ރާޅުގެ ހަމަލާ އަރައި މީގެ ތެރެއިން ގިނަ އެކްޓަރުން މި ރާޅުން ސަލާމަތްވެސް ވެފައިވެ އެވެ. މިހާރުވެސް ބައްޔާ ހަނގުރާމަ ކުރަމުންދާ އެކްޓަރުންގެ ތެރޭގައި ދީޕިކާ ޕަދުކޯން ހިމެނެ އެވެ. ބަލިން ރަނގަޅުވި އެކްޓަރުންގެ ތެރޭގައި އާލިއާ ބަޓް، ރަންބީރު ކަޕޫރު، އާމިރު ޚާން، ކާރްތިކް އާރްޔަން އަދި އަކްޝޭ ކުމާރު ފަދަ ތަރިން ހިމެނެ އެވެ.