ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ލަތާގެ ހަޔާތުގެ ފަހު ދުވަސްކޮޅުގެ އެކުވެރިޔަކީ 8 އަހަރު ކުއްޖެއް

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަށް ކޮވިޑް ޖެހި އެތެރެހަށީގެ އެތައް ގުނަވަނެއް ފެއިލްވެގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. މި ބަލީގައި މަހެއްހާ ދުވަހު ލަތާ ހޮސްޕިޓަލުގައި ހޭދަ ކުރިއިރު ޖެނުއަރީ ނިމުނު ހިސާބުގައި ކުޑަކޮށް އޭނާގެ ސިއްހަތު ރަނގަޅު ވެސް ވިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ހާލު ބޮޑުވީ އެވެ.

ލަތާގެ ވަކިވެ ދިއުމުގެ ހިތާމަ މުޅި ފިލްމު އިންޑަސްޓްރީން ކުރަމުންދާއިރު އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އާއިލާގެ މީހަކު މަރުވުމުން ލިބޭ ވަރުގެ ހިތާމައެއް ލަތާގެ މަރުން ވަނީ ލިބިފަ އެވެ. ޚާއްސަކޮށް ފާއިތުވީ އެތައް އަހަރަކުއްސުރެ ލަތާ އަށް ފަރުވާދިން ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް އެންޑް ކޮންސަލްޓަންޓް ޑރ. ޕްރަތިތު ސަމްދާނީގެ އަށް އަހަރުގެ ދަރިފުޅަށް ލަތާގެ ވަކިވުމުން ވަރަށް އަސަރު ކުރި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑރ. ޕްރަތިތު ވިދާޅުވި ގޮތުގައި ލަތާ މަރުވިއިރު ލަތާ އާއި އޭނާގެ ދަރިފުޅުގެ މެދުގައި ގާތް އެކުވެރިކަމެއް އޮންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން 2019 ގައި ލަތާ އަށް ނޭވާލާން އުނދަގޫވެގެން ޑރ. ޕްރަތީތު ވަނީ ލައިފް ސަޕޯޓްގައި އޭނާ ބާއްވައިގެން ފަރުވާދީފަ އެވެ. އޭރުއްސުރެ ޕްރަތީތު އާއި ލަތާގެ ގާތް ގުޅުމެއް އޮތް ކަމަށް އޭނާ ބުންޏެވެ. އަދި ކޮރޯނާވައިރަސް ޕެންޑެމިކް ތެރޭގައި ވީޑީއޯ ކޯލް މެދުވެރިކޮށް ގަވާއިދުން އޭނާ އާއި ލަތާ ބައްދަލުކޮށް ފަރުވާ ދެމުން ދިޔަ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

ޕްރަތީތުގެ އަށް އަހަރުގެ ދަރިފުޅާއި ލަތާ އާ ވާހަކަ ދައްކަން ފެށުނީ އެގޮތަށް ލޮކްޑައުން ދުވަސްވަރު ވީޑީއޯކޯލް މެދުވެރިކޮށް ޑޮކްޓަރު ގުޅައިގެން އުޅުމުގެ ތެރޭގަ އެވެ.

"ވީޑިއޯ ކޯލް ކޮށްގެން އުޅޭ އިރު ދަރިފުޅު އައިސް ލަތާ އާ ވާހަކަ ދައްކާނެ. ލަތާ އޭނާއަށް ކިޔައި ދޭނެ ލަވަ ރެކޯޑް ކުރާ ސްޓޫޑިއޯތަކުގައި ހިނގާ މަޖާ ކަންތައްތަކުގެ ވާހަކަ އާއި ސްޓޭޖްގައި ޕާފޯމްކުރާ ވާހަކަ އާއި އެނޫންވެސް މަސައްކަތްތައް ކުރާއިރު ދިމާވާ ކަންކަމާއި އަދި އެހެން ލަވަކިޔުންތެރިންނާ ބެހޭ ގޮތުން ވެސް ވަރަށް ވާޙަކަތައް ކިޔައިދޭނެ. އެގޮތަށް ކޮންމެ ހަފުތާއެއްގެ ވީޑިއޯ ކޯލް ނިންމާލާނީ މަގޭ ދަރިފުޅާ ވެސް އިރުކޮޅަކު ވާހަކަ ދައްކާފައި. އެހެންގޮސް ލަތާ އާއި ދަރިފުޅުގެ މެދުގައި ގާތް ގުޅުމެއް ފާއިތުވީ ދެ އަހަރު ތެރޭ އުފެދެން މެދުވެރިވީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އޭނާގެ ދަރިފުޅާ އޮތް ގުޅުން ގާތް ވެގެން ގޮސް ދަރިފުޅާ ބައްދަލުކުރަން ވެސް ލަތާ ބޭނުންވި އެވެ. ނަމަވެސް ޕެންޑެމިކްގެ ދުވަސްވަރު ކަމުން ދަރިފުޅު ގޮވައިގެން ލަތާގެ ގެއަށް ދެވޭގޮތް ނުވީ އެވެ.

ފަހުން ޑޮކްޓަރު ގުޅާ ގަޑި ނޫން ގަޑިތަކުގައި ވެސް ލަތާ އާއި ދަރިފުޅު ވީޑީއޯ ކޯލް ކޮށްގެން ވާޙަކަ ދައްކާ ކަމަށާއި ދަރިފުޅު އަތުން ލިޔެފައިވާ އެތައް ސިޓީއެއް ވެސް ލަތާ އަށް ފޮނުވާފައިވާ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު ވިދާޅުވާ ގޮތުގައި އޭނާގެ ދަރިފުޅު ވެސް ލަތާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި ދެ މީހުން ބައްދަލުވުމުގެ ޕްލޭންތައް ވެސް އޮތީ ހަދާފަ އެވެ. ނަމަވެސް ލަތާ މަރުވީ އެންމެ ގާތް އެކުވެރިޔާ އާ ބައްދަލުވުމުގެ ފުރުސަތު ނުލިބި އެވެ.