ހަބަރު

ސިޓީ ޕާކް ހަދައިދޭނެ ބަޔަކު ހޯދަން އަނެއްކާ އިއުލާންކޮށްފި

Jun 26, 2018

މާލޭގެ ސިޓީ ޕާކް (އެންސީ ޕާކް) ހަދައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މާލޭ ސިޓީ ޕާކް ތަރައްގީ ކުރަން ނިންމާފައިވަނީ ޕޫލް ތީމް ޕާކެެއްގެ ގޮތަށެވެ. އެ ޕާކް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެ އިއުލާންގައި ވަނީ، ކުރިން ކޮށްފައިވާ އިއުލާންގައިވާ މައުލޫމާތަށް ބަދަލު ގެނެސްފައިވާތީ، ކުރީގެ އިއުލާން ބާތިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ޕާކް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިނިސްޓްރީއަށް ވަޑައިގަތުމުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަު 1:00 އަށް މިނިސްޓްރީ އަށް ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ސަލްޓަން ޕާކުގައި ހެދި ލެޑް ގާޑެންގެ ގަސްތަކާއި އެއާ ގުޅޭ އެހެނިހެން ތަކެތި ބަދަލުކުރީ ސިޓީ ޕާކަށެވެ. ސިޓީ ޕާކަށް ބަދަލުތަކެއް ގެނެސް ހުޅުވަން ނިންމި ފުރަތަމަ ތާރީހަކީ ޖުލައި 26، 2016 އެވެ. އެ ތާރީހަކަށް ނުނިންމުނެވެ. އޭގެ ފަހުން ޕާކު ހުޅުވަން ދުވަސް ނަގަނީ ބޭރުން ގެންނަން އުޅުނު އިތުރު ތަކެތި ނުގެނެވިގެން ކަމަށް ހައުސިންގް މިންސްޓްރީން ވަނީ ބުނެފަ އެވެ.