ހަބަރު

ރިޔާސީ އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް ފުރުސަތު ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ލާއިރު ވޯޓުލާ މަޒުކަޒުތަކުގައި ތިބޭ އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ހޯދުމަށް ރޭ އިލެކްޝަނުން ކުރި އިއުލާނުގައި މަގާމުގެ މައިގަނޑު ޝަރުތުތަކުގެ ގޮތުގައި ހިމަނާފައިވަނީ އުމުރުން 18 އަހަރު ފުރުމާއެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ވެސް އޮފިޝަލަކަށް ނުވެވޭނެ އެވެ.

މި ޝަރުތުތައް ހަމަވާ މީހުންގެ ތެރެއިން ޝައުގުވެރިވާ މީހުން ޖުލައި 19 ގެ ކުރިން އިލެކްޝަނަށް ސިޓީ ހުށަހެޅުމަށް ކޮމިޝަންގެ އިއުލާންގައި ބުނެފައިވެ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ވޯޓުލާ މަރުކަޒުތަކުގައި ތިބޭ އޮފިޝަލުންނަށް އެލަވަންސެއް ދޭނެ އެވެ. އޮފިޝަލުންގެ މައިގަނޑު މަސައްކަތަކީ ވޯޓު ލާން ދާމީހުންގެ މައުލޫމާތު އެންޓާކޮށް ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވުމެވެ.

މިއަހަރުގެ އިންތިހާބަށް 4000 ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ވޯޓު ފޮށްޓެއްގައި މަދުވެގެން ފަސް އޮފިޝަލުން ހުންނަ ގޮތަށެވެ.

އީސީން ބުނީ މި ފަހަރު ވޯޓު އޮފިޝަލުންގެ ގޮތުގައި ސިޔާސީ ފަރާތްތައް ނުނަގާނެ ކަމަށެވެ. އެހެންކަމުން ވޯޓު އޮފިޝަލުން ނެގުމުގެ ކުރިން އެއްވެސް ޕާޓިއެއްގައި ސޮއިކޮށްފައި ވޭތޯ ނޫންތޯ ބަލައި ޗެކްކުރާނެ ކަމަށާއި އެގޮތަށް އަމަލުކުރަން ނިންމާފައި ވަނީ ވެސް ވޯޓުލުމުގެ ކަންކަން ވީހާވެސް މިނިވަންކޮށް ނުފޫޒުން އެއްކިބާ ކުރުމަށް ކަމަށެވެ.

އިންތިހާބުގެ އޮފިޝަލުންނަށް ވާޏް ހުޅުވާލާފައިވާއިރު އިންޓަނޭޝަނަލް މީޑިއާ މޮނިޓަރުންނަށް ވުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި ލޯކަލް މޮނިޓަރުންނަށް ވުމަށް ދިވެހި މީޑިއާތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.