ދުނިޔެ

ކުޑަކުއްޖާގެ ރޭޕާ ގުޅިގެން އިންޑިއާގައި މުޒާހަރާ ކުރަނީ

Jun 30, 2018
1

މަދްޔަ ޕްރަދޭޝް (ޖޫން 29) - އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގައި ހަތް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރުމާ ގުޅިގެން، އިންސާފަށް ގޮވާލާ އެތަކެއް ހާސް މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ ރޭޕާއި ގުޅިގެން ދެ މީހަކު ހައްޔަރުކުރެވިފައިވާއިރު، އެ ކުއްޖާ އޮތީ ބޮޑެތި ޒަހަމްތަކަކާއެކު ސީރިއަސް ހާލަތުގައި ހޮސްޕިޓަލުގަ އެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ސްކޫލުން ވަގަށް ނަގައިގެން ގެންދިއުމަށް ފަހު އެވެ.

އެ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ އިތުރުން، ގިނަ ބަޔަކު ދަނީ މިހާރު ހައްޔަރުކުރެވިފައިވާ ދެ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލަމުންނެވެ. އެ ސަރަހައްދުގެ ވަކީލުންގެ ޔޫނިއަނުން ވަނީ އެ ދެމީހުން ތަމްސީލު ކުރުމަށް އިންކާރުކޮށްފަ އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، އެ ކުއްޖާގެ ސްކޫލް ކައިރީގައި ހުރި ސީސީޓީވީ ކެމެރާތަކުގެ އެހީގަ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ އެކަކު އެ ކުއްޖާ ގެންދިއައީ މެޓާ ދީގެން ކަމަށް ކެމެރާތަކުން ފެނިފައިވާ ކަމުގައި ފުލުހުން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ކޮންމެ 13 މިނެއްޓަކުން އަންހެނަކު ރޭޕް ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، އިންޑިއާ އަކީ އަންހެނުންނަށް އެންމެ ނުރައްކާތެރި އެއް ގައުމުކަމުގައި ދާދި ފަހުން ކުރި ދިރާސާއަކުން ވެސް ވަނީ ބުނެފަ އެވެ.