ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަދީ ލައިސެންސު ދޫކުރަން ފެށިތާ މިއަދަށް ހަފުތާއެއްވީ އެވެ. މި ހުއްދަ ދިނުމާއެކު ސައުދީގެ އަންހެން ލަވަކިޔުންތެރިޔަކު ކާރުގައި އިނދެގެން ކިޔާފައިވާ ރެޕް ލަވައެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ލަވަކިޔުންތެރިޔާ ލީސާ މި ލަވަ އޭނާގެ ޔޫޓިއުބު ޗެނަލްގައި އާންމު ކުރީ ސައުދީ އަންހެނުންނަށް ރަސްމީކޮށް ލައިސެންސު ދޫކުރަން ފެށި ދުވަސް ކަމުގައިވާ މިދިޔަ މަހު 24 ވަނަ ދުވަހު އެވެ. ކާރެއްގައި އިނދެ ލީސާ ރެޕް ކުރަމުން ދިޔައިރު، އެ ލަވައިގައި ބުނަނީ މިހާރު އޭނާ ތަނަށް ގެންގޮސް ދޭން އެހެން މީހަކަށް މިހާރު ނުޖެހޭނެ ކަމަށާއި މިހާރު އަތުގައި ލައިސެންސް އޮތުމުން ބޭނުންތާކަށް އެކަނި ދެވޭނެ ކަމަށެވެ.
އަންހެނުންނަށް ލައިސެންސު ދޫކުރަން ފެށުމުގެ ކުރިން ސައުދީގައި އަންހެނުން ކާރު ދުއްވުމަކީ މަނާ ކަމެކެވެ. ތަނަކަށް ދާން ވެއްޖެ ނަމަ ޖެހޭނީ ކުއްޔަށް ކާރެއް ހޯދާށެވެ. އަންހެނުންނަށް ލައިސެންސު ދޫކުރަން ނިންމާ، ސައުދީ ސަރުކާރުން އެކަން ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ލީސާއަކީ މީގެ ކުރިން ލަވަކިޔާ އުޅުނު ނަމަވެސް އެހާ މަޝްހޫރު ތަރިއެއް ނޫނެވެ. ނަމަވެސް އޭނާ މި ލަވަ އަމިއްލަ ޔޫޓިއުބް ޗެނަލާއި އިންސްޓަގްރާމަށް ލުމުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.
މި ލަވަ އެހެން މީހާކު ވަނީ ޓްވިޓާގައިވެސް އާންމުކޮށްފަ އެވެ. ތިން ލައްކައެއްހާ މީހުން އެ ޓުވީޓް ލައިކް ކޮށްފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރިޓްވީޓްކޮށްފަ އެވެ. އަންހެނުނަށް ލައިސެންސު ދޫކުރަން ފެށުމާއެކު ސައުދީގައި ގިނަ އަންހެނުންތަކެއް ވަނީ އެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.