ލައިފްސްޓައިލް

ޖަމަލުގެ ރީތީގެ މުބާރާތުން 40 ޖަމަލު ސަސްޕެންޑް

ސައޫދީ އަރަބިޔާގައި ބާއްވާ ވަރަށް މަޝްހޫރު މުބާރާތެއް ކަމަށްވާ ޖަމަލުގެ ރީތީގެ މުބާރާތުގައި ބައިވެރިކޮށްފައިވާ 40 އަށް ވުރެ ގިނަ ޖަމަލު މުބާރާތުގައި ބައިވެރިނުކުރަން ނިންމައިފި އެވެ.

މި ޖަމަލުތައް ސަސްޕެންޑްކުރީ އެ ސޮރުމެންގެ ގަޔަށް ބޯޓޮކްސް އިންޖެންޝަން ޖަހައި އަދި އެނޫންވެސް ގުދުރަތީ ސިފަ ނޫން ރީތި ސިފަތައް ޖައްސަން މަސައްކަތް ކޮށްފައިވާކަން ފަޅާ އެރުމުން ކަމަށް ސައޫދީ ޕްރެސް އެޖެންސީން ބުނެފައި ވެއެވެ.

ސައޫދީގެ ކިންގް އަބްދުލްއަޒީޒް ކެމެލް ފެސްޓިވަލް ފަށާފައިވަނީ މިމަހުގެ ކުރީކޮޅު އެވެ. އިނާމަކަށް 66 މިލިއަން ޑޮލަރު ލިބޭ މި މުބާރާތުގައި ބައިވެރިކުރާ ޖަމަލުތައް ވީހާވެސް ރީތިކޮށް ޒީނަތްތެރި ކުރެ އެވެ. ނަމަވެސް ބޯޓޮކްސް އިންޖެކްޝަން، ފޭސްލިފްޓްސް އާއި ކޮސްމެޓިކް ބޭނުންކޮށްގެން ސިފަޔަށް ބަދަލުގެނައުމަކީ މުބާރާތުގެ ގަވާއިދު ބުނާ ގޮތުން މުޅިން މަނާ ކަމެކެވެ.

އެންމެ ރީތި ޖަމަލު ހޮވުމުގައި ފަނޑިޔާރުން ބަލަނީ ޖަމަލުގެ ބޮލުގެ ބައްޓަމަށާއި ކަރުގެ ރީތި ކަމަށާއި ގޮންގަނޑުގެ ސިފައަށާއި އަޅުވާފައި ހުންނަ ހެދުމަށާއި އެ ސޮރު އޮންނަ ފަރި ގޮތަށެވެ.

މަސް ދުވަހަށް ދެމިގެންދާ މި ފެސްޓިވަލު ސައޫދީގެ ވެރިރަށް ރިޔާޒުގައި ކުރިޔަށް ދާއިރު ފަނޑިޔާރުން ދަނީ ޖަމަލުތަކަށް ރަނގަޅަށް ބަލައި އޭގެ ސިފަ އަށް ބަދަލު ގެންނަން މަސައްކަތްކޮށްފައިވާކަން ސާބިތުވާ ޖަމަލުތައް ސަސްޕެންޑް ކުރަމުންނެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބައެއް މީހުން އެމީހުންގެ ޖަމަލުތަކުގެ އަނގައާއި ނޭފަތް ވާން ކޮށްފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ހޯމޯންސްތައް ބޭނުންކޮށްގެން އެސޮރުމެންގެ މޭ މަތީގެ މަސްތައް އިތުރުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ޖަމަލުގެ ބޮލަށާއި ތުންފަތަށް ބޯޓޮކްސް ޖަހައިގެން އެ ތަންތަން ބޮޑަށް ފުއްޕާފައި ހުންނަ ގޮތް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ވަރަށް ބޮޑު ކާނިވަލެއް ގޮތަށް ކުރިޔަށްދާ މި ފެސްޓިވަލުގައި ޖަމަލު ރޭހާއި ޖަމަލު ވިއްކުން އަދި އެނޫންވެސް ވަރަށް ގިނަ ކުޅިވަރުތައް ކުޅެ އެވެ.