ލައިފްސްޓައިލް

މަރުވި މީހެއްގެ ގުނަވަންތައް ސައޫދީ އާއިލާއަކުން ހަދިޔާކޮށްފި

ސައޫދީ އަރަބިޔާގެ އާއިލާއެއްގެ މެމްބަރަކު މަރުވުމުން އޭނާގެ ގުނަވަންތައް ހޮސްޕިޓަލަކަށް ހަދިޔާކޮށްފި އެވެ. އަދި ގުނަވަންތަކަށް ބޭނުންޖެހިފައިވާ ފަސް މީހަކަށް މިހާރު މި ގުނަވަންތައް ޓްރާންސްޕްލާންޓްކޮށް އެމީހުންގެ ފުރާނަ ވަނީ ސަލާމަތް ކޮށްފަ އެވެ.

ސައޫދީ ނިއުސް އިން ބުނި ގޮތުގައި މަރުވި މީހާގެ ގުނަވަން ޓްރާންސްޕްލާންޓް ކޮށްދިން މީހުންގެ ތެރޭގައި ސައޫދީ ހޮސްޕިޓަލެއްގައި އޮތް ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ.

ފަސް ޓްރާންސްޕްލާންޓް ވެސް ހަދާފައިވަނީ ރިޔާޒުގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުންނެވެ. ޓްރާންސްޕްލާންޓް ހެދި މީހުންގެ ތެރޭގައި 23 މަހުގެ ކުޑަ ކުއްޖެއް ހިމެނެ އެވެ.
މި މީހުންނަށް ޓްރާންސްޕްލާންޓް ކޮށްދިން ބައިތަކުގެ ތެރޭގައި ކުޑަ ގޮހޮރާއި ހިތް، ލިވާ އަދި ދެ ކިޑްނީ ހިމެނެ އެވެ.

ގުނަވަންތައް ނަގާފައިވަނީ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި މަރުވި 24 އަހަރުގެ ޒުވާން ފިރިހެނެއްގެ ހަށިގަނޑުންނެވެ. އެކްސިޑެންޓުގައި އޭނާ މަރުވުމުން ގުނަވަންތައް ހޮސްޕިޓަލަށް ހަދިޔާކުރަން އާއިލާއިން ގަސްތުކުރީ އެވެ.

އޭނާގެ ލިވާ ދެ ބައިކޮށްލާފައި ތުއްތު ކުއްޖާ އާއި އެހެން މީހަކަށް ވަނީ ޓްރާންސްޕްލާންޓް ކޮށްފަ އެވެ.
އެއްފަހަރާ ފަސް ޓްރާންސްޕްލާންޓްގެ ކަންތައްތައް އެ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔައިރު މުޅި ސާޖަރީއަށް 10 ގަޑިއިރު ނެގި އެވެ.

ސައޫދީގައި މިފަދަ ގިނަ މައިކްރޯ-ސާޖަރީޒް އެއްފަހަރާ ހެދޭ ހުރީ ވަރަށް މަދު ސެންޓަރުތަކެއް ކަމަށާއި މިކަމަށް ޚާއްސަކޮށް ކޮލިފައިވެފައި ތިބޭ ސާޖިކަލް، މެޑިކަލް، ނާސިން، ލެބް އަދި ޓެކްނިކަލް ޕްރޮފެޝަނަލުންގެ ޓީމެއް އޮންނަން ޖެހޭ ކަމަށް ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރަކު ވަނީ ބުނެފަ އެވެ.

މި ފަސް ޓްރާންސްޕްލާންޓް ހެދުމުގައި ސާޖަނުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ 70 ޓީމުން އެއްފަހަރާ އެ ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށް ސައޫދީ ނޫހަކަށް މައުލޫމާތު ދެއްވި އެ ހޮސްޕިޓަލުގެ ޑޮކްޓަރު ވިދާޅުވި އެވެ.