އޮފްބީޓް

މިއުޒިކު ކުޅޭ މީހަކާ ކައިވެނިކުރުން ސައުދީ ކޯޓަކުން މަނާކޮށްފި

ސައުދީގެ އަންހެނަކު އޭނާ ބޭނުންވާ މީހާއާ ކައިވެނިކުރަން އާއިލާއިން ދެކޮޅު ހެދުމުން، އެ އަންހެން މީހާ ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް އޭނާއާ ދެކޮޅަށް ނިންމައިފިއެވެ.

ބޭންކް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ އެ އަންހެން މީހާގެ އާއިލާއިން އެ ކައިވެންޏާ ދެކޮޅުހެދީ އޭނާ އިންނަން ބޭނުންވި ފިރިހެން މީހާއަކީ މިއުޒިކު ކުޅޭ މީހަކަށް ވާތީ އެވެ.

ޓީޗަރެއްގެ ވަޒީފާ އަދާކުރާ އެ ފިރިހެން މީހާއަކީ ލޫޓް (މިއުޒިކު އިންސްޓްރޫމަންޓެއް) ކުޅޭ މީހެކެވެ. އަންހެން މީހާގެ އާއިލާއިން ކޯޓުގައި ބުނީ އެ ދެމީހުންގެ ކައިވެންޏާ ދެކޮޅުހަދަންޖެހުނީ އެއީ ހަރާމްކަންތައް ކުރާ ފިރިހެނަކަށް ވާތީ ކަމަށެވެ. އަދި ކޯޓުންވެސް އެ ކައިވެންޏާ ދެކޮޅު ހެދީ އެހެންވެ ކަމަށް ސައުދީގެ ނޫސްތަކުން ބުނެ އެވެ.

ލޫޓް ބޭނުންކޮށްގެން މިއުޒިކު ކުޅުމަކީ ސައުދީގެ ސަގާފަތުގައި އޮންނަ ކަމެކެވެ. އަދި ސައުދީގައި ލަވަކިޔުންތެރިން ލޫޓް މިއުޒިކު ބޭނުންކޮށްގެން ކޮންސާޓުތައްވެސް ބާއްވައި އެވެ.

މި މައްސަލަ ނޫސްތަކަށް އެރީ އަންހެން މީހާގެ ވަކީލު އެކަމާ ބެހޭގޮތުން ސްނެޕްޗެޓް ވީޑިއޯގައި ވާހަކަދެއްކި ހިސާބުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އެވެ.