ސައޫދީ އަރަބިޔާގެ ޕްރިންސެއް ކޯމާގައި އޮންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ހޭ އަރާކަމުގެ ސިގްނަލްތަކެއް ލިބި އާއިލާއަށް ވަރަށް ބޮޑު އުންމީދެއް ވަނީ ލިބިފަ އެވެ.
މިދިޔަ ހަފުތާގައި ޕްރިންސްގެ އަތް ކޮންމެވެސް ވަރަކަށް ހަރަކާތްކުރާތަން ފެންނަ ވީޑިއޯ އެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ޕްރިންސް އަލް-ވަލީދު ބިން ޚާލިދް އަލް-ސައުދުގެ އަތް ހަރަކާތްކުރާ ތަން ފެނުނީ ޕްރިންސްގެ އެނދު ކައިރީގައި ހުރި ކޮންމެވެސް މީހަކު ވާހަކަ ދެއްކުމުންނެވެ. "ހެލޯ. ހައި" އޭ އެމީހާ ބުނެލުމުން ޕްރިންސް ވަނީ ދެ އިނގިލި ހަރަކާތްކޮށް އެ ސަލާމަށް ޖަވާބު ދީފަ އެވެ.
ޕްރިންސްގެ އިނގިލިތައް ހަރަކާތްކުރި ތަން ފެނިފައި ވާހަކަ ދެއްކި މީހާ އެކަން އިތުރަށް ޔަގީންކުރުމުގެ ގޮތުން އިނގިލިތައް އަދި ބޮޑަށް އުފުއްލާލަން އެދުމުން ޕްރިންސް ވަނީ އިނގިލިތައް އެއަށް ވުރެ މައްޗަށް އުފުއްލާފަ އެވެ. އަދި އެއަށް ވުރެ ވެސް މައްޗަށް އުފުއްލާލަން އެދުމުން އެގޮތަށް ވެސް ޕްރިންސް ކަންތައް ކޮށްފައި ވެއެވެ. މިފަދަ ހަރަކާތެއް މީގެ ކުރިން ޕްރިންސް ކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިން 2015 ގައެވެ.
ޕްރިންސް އަލް-ވަލީދު ވެންޓިލޭޓަރުގައި އޮންނަނީ 2005 އިން ފެށިގެންނެވެ. މިލިޓަރީ ކޮލެޖެއްގައި ކިޔަވަމުން ދިޔަ ޕްރިންސް ކޯމާ އަށް ދިޔައީ ކާރު އެކްސިޑެންޓެއްގައި ސިކުނޑިއަށް ލޭ އެޅިގެން ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުންނެވެ.
ޕްރިންސްގެ ބައްޕާފުޅަކީ ސައޫދީ ބިލިއަނަރެއް ކަމަށްވާ ޕްރިންސް އަލް-ޚާލިދު ބިން ތަލާލް އަލް ސައުދު އެވެ. ކޯމާގައި 15 އަހަރު ދުވަހު ޕްރިންސް އޮތްއިރުވެސް އޭނާގެ ބައްޕަ އުންމީދު ކަނޑައެއް ނުލަ އެވެ. ކޮންމެވެސް ދުވަހަކުން ޕްރިންސް ނިދިން ހޭލާނެ ކަމުގެ އުންމީދު އެންމެ ވަގުތުކޮޅަކަށް ވެސް ޕްރިންސްގެ ބައްޕަ ކަނޑައެއް ނުލަ އެވެ.
ޕްރިންސް ޚާލިދު އަކީ ސައޫދީ ރަސްކަމާ ދެކޮޅުވެގެން 11 މަސް ދުވަހަށް ޖަލަށްލީ ޕްރިންސްތަކުގެ ތެރޭގައި ހިމެނުނު ޕްރިންސެކެވެ.
ޕްރިންސް ކޯމާއިން ތެދުވާ ކަމުގެ އަލާމާތްތައް ފެނުމުން ސައޫދީ ގިނަ ބަޔަކު ވަނީ އެކަމާ އުފާކޮށް ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ލިޔެފައި ވެއެވެ. އަދި މިއީ ﷲގެ އިރާދަފުޅުން "މުއުޖިޒާތެއް"ފަދަ ގޮތަކަށް ދިމާވި ކަމެއް ކަމަށް ބައެއް މީހުން ސިފަ ކޮށްފައި ވެއެވެ.