ހަބަރު

މެންބަރުން ހަމަ ނުވާތީ އިންތިހާބުތަކާބެހޭ އިސްލާހުތަކުގެ ވޯޓް ފަސްކޮށްފި

ރިޔާސީ އިންތިހާބުގެ ގާނޫނަށާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތައް ފާސް ކުރުމަށް ބޭނުންވާ މިންވަރަށް މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެފައި ނުވާތީ އެ އިސްލާހުތައް ފާސް ކުރުން ފަސް ކުރަން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތްކަން ހޯދާފައިވާ ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރަން އެ ގާނޫނަށް ހުށަހެޅި އިސްލާހު އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ނިންމެވި ގޮތަށް ފާސް ކުރުމެވެ.

ނަމަވެސް އެ ތިން ބިލަށް ވޯޓަށް އަހަން ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެކަށީގެންވާ ހާލަތެއް ދިމާ ނުވާހާ ހިނދަކު ކޮންމެ މެންބަރަކު ވެސް މަޖިލީހަށް ހާޒިރުވެ ވޯޓު ދޭން ޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ މާއްދާ ވިދާޅުވެދެއްވައިފަ އެވެ.

އަދި ވިދާޅުވީ މުހިންމު ތިން ބިލު ފާސް ކުރުމަށް ވޯޓަށް އަހަން ބެލި އިރު އެ ބިލުތައް ފާސްވާ ވަރަށް މެންބަރުން ހަމަ ނުވާ ކަމަށެވެ. އަދި ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށާއި އެ ޖަލްސާގައި ބިލު ފާސް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ މަސީހު ޖަލްސާ ނިންމާލެއްވި އެވެ.

"މަޖިލީހުގެ ގަވައިދުގެ 158 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުން ދާއިރު މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް އެކަށީގެންވާ ހާލަތެއް ދިމާ ނުވާހާ ހިނދަކު ކޮންމެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވާން ވާނޭ ބުނާ ބުނުމަށް ސަމާލުކަން ދީ އެއަށް ތަބާވާން ޖެހޭ،" މަސީހު ވިދާޅުވި އެވެ. "މިއަދުގެ ޖަލްސާގައި ތިން ބިލަށް ވޯޓު ދޭން ދަތިތައް އެބަ ހުރި، އެހެންވެ އަދިވެސް މަސައްކަތް ކުރާނަން ދެން އޮންނަ ޖަލްސާއެއްގައި ވެސް މި ބިލު ފަސް ކުރެވޭތޯ،"

މިއަދު ބޭއްވި ޖަލްސާގައި ދެން ވޯޓަށް އެހި ފަސް ބިލަށް ވެސް ވޯޓު ދެއްވީ ހާޒިރުވެވަޑައިގަތް 27 މެންބަރުންނެވެ. ގިނަ މެންބަރުން މަޖިލީހަށް މިއަދު ހާޒިރު ނުވާ އިރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަރިހުގައި ބައެއް މަޖިލީސް މެންބަރުން މިއަދު ވަނީ ށ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ. އޭގެ ތެރެއިން ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވެސް ރައީސްގެ ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.