ހަބަރު

ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގެ އާ އުސޫލެއް އެކުލަވާލަން ހައި ކޯޓުން ކުރި ހުކުމް ބާތިލްކޮށްފި

May 28, 2015

ހައި ކޯޓަށް ފަނޑިޔާރުން ނެގުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން އެކުލަވާލި އުސޫލު ބާތިލްކޮށް، އާ އުސޫލެއް އެކުލަވާލަން އަންގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ނެގުމަށް މިދިޔަ އަހަރު ފަހުކޮޅު ޖޭއެސްސީން އެކުލަވާލި އުސޫލު ހައި ކޯޓުން ބާތިލްކުރީ އެ އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ ގާނޫނީ ދެ ވަކީލަކު އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ އުސޫލު ބާތިލްކޮށް، އާ އުސޫލެއް ހަދަން ޖޭއެސްސީގެ މައްޗަށް ހައި ކޯޓުން އަންގާފައި ވަނިކޮށް ސުޕްރީމް ކޯޓަށް އެ މައްސަލަ ގެންދިޔައީ ޖޭއެސްސީންނެވެ.

ޖޭއެސްސީން އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އޭރު އިއުލާންކުރީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނެވެ.

އޭރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން ނުވަ ބޭފުޅަކު ކުރިމަތިލެއްވިއިރު އޭގެ ތެރޭގައި ގިނައީ މާލޭގައި ހުންނަ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ހައި ކޯޓުގައި ތިބޭނީ އިސް ފަނޑިޔާރާ އެކު ނުވަ ފަނޑިޔާރުންނެވެ.