ދުނިޔެ

ފޭކު ވަޓްސްއެޕް ވީޑީއޯއާ ގުޅިގެން އިންޑިއާގައި އިތުރު ބަޔަކު މަރާލައިފި

Jul 2, 2018

މަހަރާޝްތުރަ (ޖުލައި 2) - ކުޑަކުދިން ރަހީނު ކުރާ މަންޒަރު ފެންނަ ވީޑިއޯ އަކާއި ގުޅިގެން އިންޑިއާގައި އަނެއްކާވެސް އިތުރު ބަޔަކު މަރާލައިފި އެވެ.

އާދީއްތަ ދުވަހު އިންޑިއާގެ މަހަރާޝްތުރަ ސްޓޭޓުގެ އަވަށެއްގެ ބަޔަކު ވަނީ ފަސް މީހަކަށް ހަމާލާދީ މަރާލާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެ ފަސް މީހުންނަކީ އެ އަވަށަށް ސަލާންޖަހަމުން ދިޔަ ބައެއް ކަމަށްވެ އެވެ. އެތަނުން އެކަކު ކުޑަ އަންހެން ކުއްޖަކާ ވާހަކަ ދައްކާތަން ފެނުމުން، އެ ކުއްޖާ ރަހީނު ކުރަން އުޅޭކަމަށް ހީކޮށް، އެ އަވަށުގެ މީހުން ވަނީ ގަލާއި ދަނޑިން ތަޅާ އެ ފަސް މީހުން މަރާލާފަ އެވެ.

އެ ހާދިސާ އާއި ގުޅިގެން ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށް އެ ވަށުގައި ކާފިއު އިއުލާނުކޮށްފަ އެވެ.

ވަޓްސް އެޕް އިން ދައުރުވާ މި ވީޑިއޯ އާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މިހާތަނަށް 17 މީހަކު ވަނީ މަރާލާފަ އެވެ. ނަމަވެސް އެ ވީޑިއޯއަކީ ކުޑަކުދިންގެ ސަލާމަތަށް ހޭލުންތެރި ކުރުމުގެ ގޮތުން ޕާކިސްތާނުގައި ހަދާފައިވާ ވީޑީއޯ އެއް ކަމަށްވެ އެވެ. އިންޑިއާގައި ދައުރު ކުރަނީ އެ ވީޑިއޯ އެޑިޓްކޮށްގެން، ކުޑަކުދިން ރަހީނު ކުރާ ބަޔަކަށް ސަމާލުވާންޖެހޭ ކަމަށް ބުނެ އެވެ.

މިދިޔަ ޖޫން މަހު ވެސް، މަގު އޮޅިގެން އަވަށެއްގައި މަޑުކޮށްލި ދެ ޒުވާނަކު ވެސް ވަނީ އައްސާމް ސްޓޭޓުގައި މަރާލާފަ އެވެ. ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، ފުލުހުން މިހާރު ވަނީ އެ ވީޑިއޯ އަކީ ފޭކު އެއްޗެއްކަމަށް އާންމުންނަށް ބުނެދޭން އެކި ކެމްޕޭނުތައް ވެސް ފަށާފަ އެވެ.