ހަބަރު

މުއިއްޒު ދެއްކެވީ ދޮގު ވާހަކަ، ދައުވާ ކުރަން ވިސްނަން: މާލޭ ސިޓީ ކައުންސިލް

ސިނަމާލެ ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު، ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި މާލޭ ސިޓީ ކައުންސިލްގެ އަގު ވައްޓާލަން ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި މުއިއްޒާ ދެކޮޅަށް ދައުވާ ކުރާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މާލެ، ވިލިމާލެ ސޯޝަލް ހައުސިން ފްލެޓްތަކާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެތަންތަން ބެލެހެއްޓުން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ކެބިނެޓުން ވަނީ އިއްޔެ ނިންމައިފަ އެވެ.

އެ މައްސަލައާއި ގުޅިގެން މާލޭ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ، ހައުސިން މިނިސްޓަރު ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތަކާ ގުޅިގެން ދައުވާ ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިދީފައި އޮތް ނަމަ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި ދައުވާ ކުރެވޭނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސިފާ އިތުރަށް ވިދާޅުވީ، ފުލެޓްތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެށުނީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިމާރާތުގެ މަރާމާތައް ބަޖެޓުގެ ތެރެއިންނާއި، ބޭރުންވެސް އަމިއްލައަށް ފައިސާ ހޯދައިގެން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. ސިޓީ ކައުންސިލުން އެދުނު ވަރަކަށް ފައިސާ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް ފުލެޓްތަކުގެ މަރާމާތަށް އެއް މިލިއަން ރުފިޔާ ހޯދަން އެދުމުން އެ ފައިސާ ހަމަޖައްސައިދީފައި ނުވާ ކަމަށް ސިފާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވިއްސާރަ މޫސުމާއި ދިމާކޮށް، ފުލެޓްތަކުގެ ފުރާޅުން ފެން ފައިބާނެތީ، ވިއްސާރަ ވުމުގެ ކުރިން ފުރާޅުގެ މަރާމާތަށް 250،000 (ދެ ލައްކަ ފަންސާސްހާސް) ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެެދިފައިވާ އިރު އެފައިސާވެސް ހަމަޖައްސައިދީފައި ނުވާ ކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ. އަދި ފުލެޓްތަށް ބެލެހެއްޓުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާއިރު، އެކަމަށް ދޭނެ ޖެހޭ މިދިޔަ އަހަރުގެ ފައިސާ ހަމަޖައްސާފައިވަނީ މިދިޔަ ފެބުރުއަރީ މަހު ކަމަށާއި، ފެބްރުއަރީގެ ފަހުން މިހާތަނަށް އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖައްސައިދީފައި ނުވާކަމަށް ސިފާ ވަނީ ވިދާޅުވެފަ އެވެ.

ފުލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެ ފައިސާ ހޯދަން މަސައްކަތްކޮށް، އެ ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއި ގޮތްތަށްވެސް ހަމަޖައްސަދީފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލަކުން އެއްވެސް ދިވެހި ރައްޔިތަކު މަގުމަތިކޮށްނުލާނެ ކަމަށާއި، ތަން ހުސްކުރަން އަންގާފައިވަނީ އެއްވެސް އެގްރީމަންޓެއް ނެތި ވަކި މީހެއްގެ ބާރުގެ ދަށުން އެޕާޓްމަންްޓްތަކަށް ގަދަ ކަމުން ވަދެގަނެގެން އުޅޭ އައިލާ އަކަށް ކަމަށް ސިފާ ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ތިން އަހަރު ކުރިން އެއާއިލާގެ މައްސަލަ ބަންޑާރަނައިބް މެދުވެރިކޮށް ކޯޓަށް ހުށަހެޅުމުން ކޯޓުން އެތަން ހުސްކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މިއަދާ ހަމަޔަށް އައިއިރުވެސް އެ އަމުރު ތަންފީޒު ކުރެވިފައިނުވާކަމަށް ސިފާ ވަނީ ވިދާޅުވެފަ އެވެ.